ޔުމްނުއަށް އިންސާފު ހޯދުމަށް ރޭވެސް ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރީ މުޒާހިރާ ކޮށްފި

ޔުމްނުއަށް އިންސާފު ހޯދުމަށް ރޭވެސް ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރީ މުޒާހިރާ ކޮށްފި

Author
ހުސައިން
10 މެއި 2025 08:06
0

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން ކުރަމުންދާ ސިލްސިލާ މުޒާހަރާތައް މރޭ ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރިއަށް އަނެއްކާވެސް އެއްވެ ކުރިއަށް ގެންދަން ފަށައިފިއެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތަކުން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓި، ބޮޑެތި އަނިޔާތަކެއް ލިބުނު 21 އަހަރުގެ ޔުމްނުގެ މައްސަލައިގައި ފުލުހުންގެ ތަހުގީގުގައި ގޯސްތަކެއް ހުރިކަމަށް ބުނެ "ދުލެއް ނުދޭނަން" ގެ ނަމުގައި ޒުވާނުން މުޒާހަރާކުރަމުން ދެއެވެ. މުޒާހަރާކުރާ ފަރާތްތަކުން ގޮވަމުން ދަނީ "ވެއްޓުނީކީ ނޫން، ވައްޓާލީ" ކަމަށެވެ.

މިކަމުގައި އެންމެ ފުރަތަމަ މުޒާހަރާ ފެށި ދުވަސްވަރު ފުލުހުންގެ ފަރާތުން ފުރުސަތު ދީފައިވީ ނަމަވެސް، މިމަހުގެ 2 ވަނަ ދުވަހުގެ ރޭ ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރީގައި އެއްވުން ރޫޅާލައި އިސްކޮށް ޙަރަކާތްތެރިވި ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ފަހުން ޒުވާނުން މުޒާހަރާ ކުރަން ފެށީ ކާނިވާ ސަރަހައްދުގައެވެ. ނަމަވެސް އެއްހަފްތާއެއް ފަހުން އަލުން މިރޭ ހެންވޭރު ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ އަޑުއުފުލަން ފަށާފައިވެއެވެ.

ފުލުހުންގެ ފަރާތުން މިރޭ މުޒާހަރާކުރާ ފަރާތްތަކަށް އެންގީ މަގު ބަންދުވާނެ ގޮތަށް ނުތިބުމަށާއި ޕޭމަންޓު މައްޗަށް އެރުމަށެވެ. ސަބަބަކަށް ބުނީ މަގުމަތީގައި މުޒާހަރާ ކުރުމަކީ މަނާކަމެއް ކަމަށެވެ.

ރޭ ރާއްޖެ ޓީވީ އާއި ޗެނަލް 13 މެދުވެރިކޮށް ދިން އިންޓަވިއުއެއްގައި ޔުމްނުގެ ދައްތަ ބުނިގޮތުގައި ޔުމްނު ވެއްޓުނު ރޭ ދިޔަ ހ. ފެންޓެނޯއީ ގެއަކީ ފުލުހުން ބުނާހެން "ރެންޑަމް" ގެއެއް ނޫން ކަމަށާއި ކުރިން ވެސް ޔުމްނު އުޅުނު ގެއެއްކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ. އަދި ޔުމްނު ބުނެފައިވަނީ އޭނާ ވެއްޓުނީ އަމިއްލައަށް ވެސް ނޫންކަމަށެވެ.

"އެންމެ ފަހުގެ ބަހަކަށް ޔުމްނު އަޅުގަނޑުމެން ގާތު ބުނެފައިވަނީ އިންސާފު ލިބޭނެހޭ. ޔަގީންހޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލަ އަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ،" ޔުމްނުގެ ދައްތަ ވިދާޅުވިއެވެ.

ފުލުހުން ބުނެފައިވަނީ ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްކަމަށް ދެކިގެން އެ ފުރުސަތު ހޯދަން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކޮށްފައިވާ ނަމަވެސް ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެކަން މިހާތަނަށް ނުވާކަމަށެވެ. މިހާރު މެލޭޝިއާގައި ޔުމްނުއަށް ފަރުވާދެމުންދާއިރު، ފުލުހުންގެ ޑޮކްޓަރަކާއި އިތުރު ފުލުހަކު މިހާރުވެސް އެގައުމުގައި ތިބި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޔުމްނުގެ އާއިލާއިން އިތުރަށް ފާހަގަކުރީ ފުލުހުންގެ ތަހުގީގުގައި މިހާތަނަށް ގިނަ އޮޅުވާލުންތަކެއް ހުރިކަމަށާއި، ފުލުހުން އާންމުކުރި ސީސީޓީވީއަކީ ވެސް އެޑިޓުކޮށް އޭގެ އަސްލު ގެއްލުވާލާފައިވާ އެއްޗެއްކަމަށް ތުހުމަތު ކުރެވޭކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން މިހާތަނަށް އާއިލާއާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާތީ އެކަމާމެދުވެސް ޔުމްނުގެ ދައްތަ ހިތްހަމަނުޖެހުން ފާޅުކުރެއްވިއެވެ.

ފެންޓެނޯއީ އިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނުއެވެ. މިހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން އޭނާއަށް މިހާރު ފަރުވާދެނީ މެލޭޝިއާގައި ކަމަށާއި އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުންދާކަމަށް އާއިލާއިން މަޢުލޫމާތު ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.