ރާއްޖެ 2.0 ގެ ނަމުގައި ބޭއްވޭ ޑިޖިޓަލައިޒޭޝަން ސަމިޓް އިއްޔެ ރޭ ފެށުނުއިރު، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރާ ދެކޮޅަށް ހަރުކަށި ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ. ޝާހިދު ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ ނަމުގައި ސަރުކާރުން ޙަޤީޤަތުގައި ތައްޔާރުވަނީ އިންތިޚާބުތައް އޮޅުވާލުމަށާއި ރައްޔިތުން އޮޅުވާލައިގެން ވައްކަންކުރުމަށް ކަމަށެވެ.
ސަރުކާރު ވެރިކަމަށް އައިތާ ދެ އަހަރު ވެގެންދާއިރު ތަރައްޤީގެ އެއްވެސް ފާހަގަކުރެވޭ ކުރިއެރުމެއް ނުފެންނަ ކަމަށާއި، ވިޔަފާރިތައް ފުނޑިފައިވާ ކަމަށާއި، ދަރަނި އިތުރުވެފައިވާ ކަމަށާއި، މުޅި ޤައުމު އޮތީ ވާނުވާގައި ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި "ދިވެހީންގެ ރާއްޖެ" އިން ފެށިގެން "ރާއްޖެ 2.0″ އަށް ދޮގު ވަޢުދުތައް ރާވަމުންދާ ކަމަށް ފާހަގަކުރައްވައި، މި ދޮގުތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލެއްވިއެވެ.
"ދިވެހިން ތިޔަ ދޮގުތަކެއް ބޭނުމެއް ނުވޭ. ދިވެހި ރައްޔިތުން ބޭނުންވަނީ އިންސާނީ ކަރާމަތާއި، ޙައްޤުތައް ކަށަވަރު ޑިމޮކްރަޓިކް ދިރިއުޅުމެއް. ބޭސް ގުޅައެއް ހޯދަން ވާނުވާގައި، ރަށު ތަރައްޤީ ވާނުވާގައި، އަދުލު އިންސާފާއި ސްޕްރީމް ކޯޓް ވާނުވާގައި އޮންނަ، 2.0 ރާއްޖެއެއް ދިވެހި ރައްޔިތުން ބޭނުމެއް ނޫން" ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރައްޔިތުން ސަރުކާރަށް އެފަދަ ފުރުސަތެއް ނުދޭނެ ކަމުގެ ޔަޤީންކަން ވެސް ޝާހިދު ދެއްވިއެވެ.
އެހެންނަމަވެސް، ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ބޭއްވި ސަމިޓްގެ ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ މައިގަނޑު އެއް މަޤްޞަދަކީ ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ނައްތާލުން ކަމަށެވެ. އަދި ޤައުމު އެންމެން ބަލައިގަންނަ ތަނަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެ 2.0 އަކީ ރައީސްގެ ޚާއްޞަ އިސްނެންގެވުމުގެ ދަށުން ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ޑިޖިޓަލް ދާއިރާއިން ރާއްޖެ އަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް ހިންގާ ޕްރޮގްރާމެކެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދެވޭ ދައުލަތުގެ ޚިދުމަތްތަކަށާއި މުއައްސަސާތައް ހިންގާ ގޮތަށް ބޮޑެތި އިޞްލާޙީ ބަދަލުތަކެއް ގެނައުމެވެ.
ކޮމެންޓު ފޮނުވާ