އިސްކަންދަރުކޮށީގައި އިއްޔެ ބޭއްވުނު ބައްދަލުވުމެއްގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެފައިވަނީ ފުލުހުންގެ މުއައްސަސާގެ ގަދަރު ހިފެހެއްޓުމަށްޓަކައި ކޮންމެ ފުލުހަކުވެސް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އިސްމާޢީލް ނަވީން ފާހަގަކުރެއްވި ގޮތުގައި ކޮންމެ ފުލުހަކީވެސް ހަރުދަނާ މުވާސަލާތީ ހުނަރުތައް ދަސްކޮށް، ފުލުހެއްގެ ޒިންމާ އުފުލުމުގައި އެ ހުނަރުގެ ބޭނުންހިފާ މީހަކަށް ވާންޖެހެއެވެ.
ފުލުހުންގެ ލީޑަރޝިޕް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން އަދާކުރަންޖެހޭ ޒިންމާތަކުގެ މުހިންމުކަމާއި، އެކުވެރި މާހައުލެއްގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަންވެސް ނަވީން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ހާމަކަންބޮޑު ގޮތެއްގައި ހާމަކުރެވެންހުރި މަޢުލޫމާތުތައް ހާމަކުރުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ފުލުހުންނަކީ ތަފާތު ގިނަ މަސައްކަތްތައް ކުރަންޖެހޭ ބައެއް. ޒިންމާދާރުކަމާއެކު އިސް މަޤާމުތަކުގައި ތިއްބަވާ ފުލުހުން ދަށުގައި މަސައްކަތްކުރާ ފުލުހުންނަށް މަގުދައްކައިދީ، އެންމެން ގުޅިގެން މަސައްކަތްކުރުމުން ރައްޔިތުން ބޭނުންވާފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެވިދާނެ،" ޑެޕިއުޓީ ކޮމިޝަނަރ ވިދާޅުވިއެވެ.
ފުލުހުންގެ މެދުގައި އޮންނަންޖެހޭ އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ސަގާފަތް އާލާކޮށް ދެމެހެއްޓުމުގެ މުހިންމުކަމާއި، މަސައްކަތުގެ ވަގުތުގައި ފުރިހަމަ ސަމާލުކަންދިނުމާއި ފަރުވާތެރިކަމާއެކު މަސައްކަތްތައް ނިންމުމުގެ މުހިންމުކަންވެސް ނަވީން ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ ކޮންމެ ފުލުހަކުވެސް ދިރިއުޅުމުގައި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށާއި، ނަމަވެސް ހިތްހަމަނުޖެހޭ ދަނޑިވަޅުތަކުގައިވެސް އަވަސްއަރުވާލައިގެން ނިންމުންތައް ނުނިންމުމަށެވެ. އަދި މުވައްޒަފުންނާއި ވަސީލަތްތައް މަދުނަމަވެސް، މިހާރަށްވުރެ ޒިންމާދާރު ގޮތެއްގައި މަސައްކަތްކުރުމަށް އެންމެހާ މުވައްޒަފުންގެ އަރިހުން ނަވީން އެދިވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ