ކޮޗިން ފެރީން މިހާތަނަށް ކުޅުދުއްފުށްޓަށް ގެންނަ އެންމެގިނަ މުދާ މިއަދު އެ ސިޓީއަށް!

ކޮޗިން ފެރީން މިހާތަނަށް ކުޅުދުއްފުށްޓަށް ގެންނަ އެންމެގިނަ މުދާ މިއަދު އެ ސިޓީއަށް!

Author
ޢަލީ އާދަމް
03 ޖެނުއަރީ 2021 11:08
0

އިންޑިއާގެ ކޮޗިން އާއި ކުޅުދުއްފުށި ސިޓީ އާ ދެމެދު އޮޕަރޭޓްކުރާ ކާގޯ ފެރީން މިހާތަނަށް ކުޅުދުއްފުށި ސިޓީއަށް ގެންނަ އެންމެ ބޮޑު ޝިޕްމެންޓާއެކު މިއަދު ބަނދަރުކުރާނެ ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން، އެމްއެސްއެސްއިން ބުނެފިއެވެ.

މިފަހަރުގެ ދަތުރުގައި 700 ޓަނުގެ މުދާ ކުޅުދުއްފުއްޓަށް ގެންނާނެ ކަމަށް، އެކުންފުނިން ބުނެއެވެ. މިއީ މި ފެރީ ދަތުރުތަށް ފެށިފަހުން މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކުޅުދުއްފުއްޓަށް މުދާ ގެންނަ ދަތުރެވެ.

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ހިދުމަތް ފެށީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 26 ވަނަ ދުވަހުއެވެ. އެފަހަރު އެ ފެރީގައި 500 ޓަނަށްވުރެ ގިނަ މުދާ ކުޅުދުއްފުށްޓަށް ގެނައެވެ. މިފެރީ އަކީ ކުޅުދުއްފުށީގެ އިތުރުން މާލެއަށްވެސް ދަތުރުކުރާ ފެރީއަކަށް ވާއިރު ފާއިތުވި ދުވަސްތަކުގައި ގިނަމުދާ އުފުލާފައިވަނީ ވެސް މާލެއަށެވެ. އަދި ފެރީގެ އެއްދަތުރު ކުޅުދުއްފުއްޓަށް ގެންނަ އެއްވެސް މުދަލެއް ނެތިވެސް ކޮށްފައިވެއެވެ.

މި ދަތުރުތަށް އިންތިޒާމްކުރާ ރާއްޖޭގެ ގައުމީ ޝިޕިންގ ކުންފުނީގެ މައި ކުންފުނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު، ކާގޯ ފެރީގެ މި ދަތުރާ ގުޅޭގޮތުން ވިދާޅުވީ އިންޑިޔާއިން ސީދާ ކުޅުދުއްފުއްޓަށް މިފަހަރު ބޯޓު އަންނަނީ 700 ޓަނުގެ މުދާ ހިފައިގެން ކަމަށާއި ކޮންމެ ދަތުރެއްގަ ގެންނަ މުދާ އިތުރުވަމުންދާ ކަމަށެވެ.

ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން، އެމްއެސްއެސް އަކީ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

އިންޑިއާއި ރާއްޖެ އާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ފަށާފައިވަނީ މާލެއަށް ބަރޯސާވެގެން ކުރާ ވިޔަފާރިތައް މަދުކުރުވުމާއި، ވިޔަފާރީގެ ފަހި ގޮތްތަކެއް ހޯދައިދިނުމުގެ އިތުރުން ރާއްޖޭން ބޭރަށް ދިވެހި އުފެއްދުންތައް ފޮނުވައިގެން މަންފާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް އަމާޒުކޮށްގެންނެވެ.

އެމްއެސްއެސްއިން މިހާރު ގެންދަނީ ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ދަތުރުތަކުގެ އިތުރުން، ޓުޓިކޮރިން އާއި އައްޑޫ ސިޓީ އާއި ގދ. ތިނަދޫ ގުޅާލައި، ކާގޯ ދަތުރުތައް ކުރަމުންނެވެ. މި ދަތުރުތަށް ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.