ހާލަތު އިތުރަށް ގޯސްވެއްޖެނަމަ ޕާކިސްތާނުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ: ފޮރިން މިނިސްޓްރީ

ހާލަތު އިތުރަށް ގޯސްވެއްޖެނަމަ ޕާކިސްތާނުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ: ފޮރިން މިނިސްޓްރީ

ގުޅުންހުރި

ޕާކިސްތާނުގެ މިހާރުގެ ހާލަތު ރަނގަޅު ކަމަށް ބަޔާންކުރަމުން، އެ ގައުމުގެ ހާލަތު އިތުރަށް ގޯސްވެއްޖެނަމަ އެގައުމުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދިވެހި ފޮރިން މިނިސްޓްރީން މިރޭ ދީފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވީ، ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ހާލު، ފޮރިން މިނިސްޓްރީ އާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ޕާކިސްތާނުގައި މިވަގުތު ދިރިއުޅޭ ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"ޕާކިސްތާނުގެ މަޝްރަހު މިހާރަށްވުރެން ގޯސްވާނަމަ، ޕާކިސްތާނުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވަމެވެ" މިހެން ބަޔާނުގައި ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ޕާކިސްތާނުގެ ތަޢުލީމީ މަރުކަޒުތަކާއި އޮފީސްތައް މިވަގުތު އާންމު ހާލަތުގައި މަސައްކަތްކުރަމުންދާކަން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް އަންގާފައިވެއެވެ. އަދި ޕާކިސްތާނުގައި ދިރިއުޅޭ އަދި ދަތުރުފަތުރުކުރާ ހުރިހާ ދިވެހިންވެސް، އެ ގައުމުގެ ސަރުކާރާއި ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނަށް އެއްވެސް ކަމެއް ދިމާވެއްޖެނަމަ، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ނަންބަރު +923008504143 އަށް ނުވަތަ ފޮރިން މިނިސްޓްރީގެ ހޮޓްލައިން 7983400 އަށް ގުޅުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ