މިދިޔަ މަހު 18 ވަނަ ދުވަހު ހ. ފެންޓޯނިއޯ އިމާރާތުގެ ނުވަވަނަ ފަންގިފިލާއިން ވެއްޓި، ބޮޑެތި ޒަޚަމްތައް ލިބުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނީ އަމިއްލައަށް ނޫންކަމަށާއި އެތަނުގައި ރައުދުގެ އިތުރުން ހަތަރު މީހަކު އެވަގުތު ތިބިކަމަށް ޔުމްނު ބުނެފައިވާކަމަށް އޭނާގެ އާއިލާއިން މިރޭ ހާމަކުރިއެވެ.
މެލޭޝިއާގައި އިތުރު ފަރުވާ ދެމުންގެންދާ ޔުމްނުގެ ހާލަތު ރަނގަޅުވަމުން އަންނަކަމަށާއި، މިމަހުގެ ހަތަރުވަނަ ދުވަހު އޭނާވަނީ ހޭއަރައިފައިކަމަށް އާއިލާއިން ބުނެއެވެ.
މިރޭ ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ޔުމްނުގެ ދައްތަ ވިދާޅުވީ، ޔުމްނު ވެއްޓުނު ހ. ފެންޓޯނިއޯއަކީ ކުރީގައިވެސް ޔުމްނު ގޮސްއުޅޭ ތަނެއްކަމަށް ޔުމްނު ބުނިކަމަށެވެ. އަދި އެރޭ ޔުމްނު އެގެއަށް ދަޢުވަތު ދިނީ މިމައްސަލައިގައި ތުހުމަތުކުރެވޭ ނުވަ މީހުންގެ ތެރޭގައި ހިމެނޭ ހ. މީނާޒް ޔޫސުފް ޔައްސާރު ޢަބްދުލްޣަފޫރު ކަމަށްވެސް ވިދާޅުވިއެވެ.
"ގޭގެ ލޮކޭޝަންވެސް ފޮނުވީ ޔައްސާރު. ދެގެއަށްވެސް ދިޔައީ ޔައްސާރުގެ އިންވިޓޭޝަނަކާއެކީގައި" މިފަދައިން ޔުމްނުގެ ދައްތަ ވިދާޅުވިއެވެ.
ފެންޓެނޯއީ ގޭގެ ހަތްވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ދޮރުގައި ޔުމްނުއާއެކު އުޅުނު ރައުދު ޓަކިޖަހައި، ދޮރު ހުޅުވާތޯ އިންތިޒާރުކުރަމުންދާ މަންޒަރު ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖުން ފެނިފައިވެއެވެ.
"އެންމެ ފަހުގެ ބަހަކަށް ޔުމްނު އަޅުގަނޑުމެން ގާތު ބުނެފައިވަނީ އިންސާފު ލިބޭނެހޭ، ޔަގީންހޭ އިންސާފު ލިބޭނީ، މިއީ އަމިއްލައަށް ކުރިކަމެއް ނޫނޭ، މިއީ ބަޔަކު ކުރިކަމެކޭ." ޔުމްނުގެ ދައްތަ ވިދާޅުވިއެވެ.
ޔުމްނަށް ލިބުނު އަނިޔާތަކާ ގުޅިގެން ކަރާއި އުނަގަނޑުގެ އޮޕަރޭޝަނެއް ކުރުމަށްފަހު އޭނާ މިހާރު އަންނަނީ ރިކަވަރވަމުންނެވެ. މިމައްސަލަ ތަޙްޤީޤުކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދާފައިވާއިރު، އެ ކޮމިޝަނުން މިއަދު ވަނީ އޮންލައިން ޕޯޓަލްއެއް ތަޢާރަފްކޮށްފައެވެ. އެހެންނަމަވެސް އެކަމާގުޅިގެން ޔުމްނުގެ ދައްތަ ވަނީ ރިޔާސީ ކޮމިޝަނުން އެފަދަ ޕޯޓަލްއެއް ތަޢާރަފްކުރި ކުރުމަކީ މައްސަލަ ބެލުންތޯ ސުވާލު އުފައްދައި ފާޑުކިޔާފައެވެ.
ކޮމެންޓު ފޮނުވާ