މޯލްޑިވްސް އިމިގްރޭޝަން: ފޭކް ޕޯޓަލްތަކަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

މޯލްޑިވްސް އިމިގްރޭޝަން: ފޭކް ޕޯޓަލްތަކަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

ގުޅުންހުރި

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ރައްޔިތުންނަށް މުހިންމު އިންޒާރެއް ދީފިއެވެ. ބޭރުގެ ޤައުމުތަކުން ރާއްޖެއަށް ވައިގެ މަގުން އަންނަ ފަތުރުވެރިންނާއި ބިދޭސީން ފުރަންޖެހޭ "ޓްރެވެލާ ޑެކްލެރޭޝަން" ފޯމު ނުވަތަ އިމުގާ ފޯމު ދޫކުރުމުގެ ނަމުގައި ފޭކް ޕޯޓަލްތަކެއް މިހާރު ހިންގަމުންދާކަމަށް ސަމާލުކަން ދިނުމަށް އިމިގްރޭޝަނުން އިލްތިމާސް ކޮށްފިއެވެ.

އިމިގްރޭޝަން އޮތޯރިޓީން ކޮށްފައިވާ އެކްސް ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، "އިމުގާ އެޕްލިކޭޝަން"، "އިމުގާ އޮންލައިން" އަދި "އިމުގާ މޯލްޑިވްސް ޑޮޓް ނެޓް" ކިޔާ ވެބްސައިޓްތަކަކުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދެއެވެ. މިފަދަ ސައިޓްތަކުން ފޯމު ޑައުންލޯޑް ނުކުރުމަށާއި އިމިގްރޭޝަންގެ ރަސްމީ ވެބްސައިޓް، "އިމުގާ ޑޮޓް އިމިގްރޭޝަން" މެދުވެރިކޮށް އެކަނި ފޯމު ހޯދުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފައިވެއެވެ.

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރުގެ ޚިދުމަތް ހަރުދަނާކޮށް، ރައްކާތެރިކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ ޖުލައި 15 ވަނަ ދުވަހު ފުރަތަމަ އިމުގާ ފޯމު ތަޢާރަފުކުރެވުނެވެ. އަދި 2021 ވަނަ އަހަރުގެ މާރިޗު 14 އިން ފެށިގެން އެ ފޯމު އޮންލައިންކޮށް ފުރޭނެ އިންތިޒާމު ހަމަޖެއްސުނެވެ.

މިހާރު ރާއްޖެއަށް ވައިގެ މަގުން އަންނަ ބިދޭސީންނާއި ފަތުރުވެރިން އެކަނި ޑިކްލަރޭޝަން ފޯމު ފުރަންޖެހޭއިރު، ރާއްޖެއަށް އައުމުގެ 96 ގަޑިއިރު ކުރިން ރަސްމީ އިމުގާ ޕޯޓަލް މެދުވެރިކޮށް މި ފޯމު ހުށަހަޅަންޖެހެއެވެ. ކުރިން ރާއްޖެއިން ފުރާ ދިވެހިންނާއި ބޭރުމީހުންވެސް މި ފޯމު ފުރަންޖެހުނުނަމަވެސް، އިމިގްރޭޝަނުން ވަނީ މިއަދު އެ ގަވާއިދަށް ބަދަލު ގެނެސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ