ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންނަށް އިލެކްޓްރޯނިކް މޮނީޓަރިންގ ނިޒާމެއް ތަޢާރަފުކުރަން ސަރުކާރުން މަސައްކަތް ފަށައިފި

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންނަށް އިލެކްޓްރޯނިކް މޮނީޓަރިންގ ނިޒާމެއް ތަޢާރަފުކުރަން ސަރުކާރުން މަސައްކަތް ފަށައިފި

Author
ހުސައިން
08 މެއި 2025 07:29
0

ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން އިލެކްޓްރޯނިކް މޮނީޓަރިންގ ނިޒާމު ނުވަތަ އޭންކްލް މޮނީޓަރާއެކު ދޫކޮށްލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝަރީޢަތް ނިމެންދެން ބަންދުގައި މިވަގުތު 300 އަށްވުރެ ގިނަ މީހުން ތިބިކަމަށާއި، އޭގެތެރޭގައި 6 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މީހުންވެސް ތިބިކަން ރައީސް ފާހަގަކުރެއްވިއެވެ. މިމައްސަލަ ހައްލުކުރުމަށް ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާކަމަށް ރައީސް ވިދާޅުވިއެވެ.

ޖިންސީ ކުށުގެ ތުހުމަތުގައި ތިބި މީހުން ފިޔަވައި، އެހެން ކުށްތަކުގެ ތުހުމަތުގައި ތިބި މީހުންނަށް އިލެކްޓްރޯނިކް މޮނީޓަރިންގ ނިޒާމެއްގެ ދަށުން ދޫކޮށްލެވޭނެ ގޮތްތައް ބަލަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. "އޭންކްލް މޮނީޓަރ ނުވަތަ ޓެގު އެޅުވުމަށްފަހު ތިން ބައިކުޅަ އެއްބައި ވަރު މީހުން ދޫކޮށްލެވޭތޯ ބެލުމަށް ފުލުހުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލް އަދި އެޓަރނީ ޖެނެރަލާއެކު މަސައްކަތް ފަށައިފިން" ކަމަށް ރައީސް ވިދާޅުވިއެވެ.

މާރާމާރީ، ޓެރަރިޒަމް، މަރުގެ މައްސަލަތައް، މަސްތުވާތަކެތި އަދި ގޭންގު ކުށްތަކުގެ ތުހުމަތުގައި ތިބި މީހުންގެ ތެރެއިން، ބައެއް މީހުންނަށް ވެސް ކަނޑައެޅޭ ޝަރުތުތަކަކާއެކު ދޫކޮށްލުމުގެ ފުރުޞަތު ލިބިދޭން ބޭނުންވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ސީރިއަސް ނޫން މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންގެ ކޭސްތައް ވަކިވަކިން ބަލައި، ފިޔަވަޅު އެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް އެންގިފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ވާނުވާ ބަންދުގެ މައްސަލައަށް ހައްލެއް ހޯދުމަކީ ރައީސްގެ އިންތިޚާބީ ވައުދެއްކަމަށާއި، މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ގެންދަނީ ކަމާބެހޭ އެންމެހާ ފަރާތްތަކާއެކު މަޝްވަރާކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.