މާލޭގެ އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނާ ރަޝީދުގެ ހާދިސާއާ ގުޅިގެން، އެކަން ތަޙްޤީޤުކުރުމަށް ރައީސް ޑރ. މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުން މިއަދު ވަނީ އާންމުންނަށް މަޢުލޫމާތު ހިއްސާކުރުމަށް ޚާއްޞަ ޕޯޓަލެއް ތަޢާރަފްކޮށްފައެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ރައީސް ޑރ. މުއިއްޒު އުފެއްދެވި މި ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ޑރ. މުޙައްމަދު ޙަބީބު އިސްތިޢުފާ ދެއްވުމާ ގުޅިގެން، ކޮމިޝަނަށް އަލުން ބަދަލުތަކެއް ގެނެސް، ޖެހިގެން އައި ދުވަހު އަލުން އެކުލަވާލެވުނެވެ.
ރިޔާސީ ކޮމިޝަނުން މިއަދު ވަނީ އެކްސް އެކައުންޓެއް ހުޅުވައިފައެވެ. އަދި ޔުމްނާ ވެއްޓުނު ހާދިސާއާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ޚާއްޞަ ޕޯޓަލެއް ޤާއިމްކޮށް، އާންމުންނަށް އެ ފުރުޞަތު ހުޅުވާލައިފައިވެއެވެ.
ކޮމިޝަނުން ހާމަކުރި ގޮތުގައި، ޔުމްނާ ވެއްޓުނު ހާދިސާއާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް، ފޮޓޯ، ވީޑިއޯ ނުވަތަ އެނޫންވެސް ލިޔެކިޔުންތައް ހިއްސާކުރަން ބޭނުންފުޅުވާނަމަ، މި ޕޯޓަލް މެދުވެރިކޮށް ފޮނުވިދާނެއެވެ. އަދި ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ކުރަން ބޭނުންފުޅުވާނަމަވެސް، މި ޕޯޓަލް މެދުވެރިކޮށް ކުރެވޭނެކަމަށް ރިޔާސީ ކޮމިޝަނުން ބުނެފައިވެއެވެ.
މިހާރު އަލަށް އެކުލަވާލެވިފައިވާ ރިޔާސީ ކޮމިޝަނުގައި ހިމެނެނީ ޑރ. މުޙައްމަދު މުނައްވަރު (ގ. ހަސަންކާރިގެ)، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު (ވ. އަލްމާން)، ޑރ. މޫސާ މުރާދު (ދަފްތަރު ނަންބަރު ރސ 641)، ޖަބީން މުޙައްމަދު (ތ. ވޭމަންޑޫ، މޫނިމާގެ) އަދި އާމިނަތު އީނާސް (ހ. ހަބަރު) އެވެ.
ލިބިފައިވާ މަޢުލޫމާތުގެ މަތިން، މި ކޮމިޝަނުން ވަނީ ހާދިސާ ހިނގި ތަނަށް މި ހަފްތާތެރޭގައި ޒިޔާރަތްކޮށް، އެތަނުގެ ކަންކަން ހުރިގޮތް ބަލައި، އޮޅުންފިލުވަން ފަށާފައެވެ. މީގެ އިތުރުން، ކޮމިޝަނުގެ މެންބަރުންގެ މަސައްކަތްތަކަށް އެހީތެރިވުމަށް ކަމާގުޅުން ހުރި އިދާރާތަކުގެ ތަޖުރިބާކާރުންގެ ޓީމެއްވެސް އެކުލަވާލާފައިވެއެވެ.
ކޮމެންޓު ފޮނުވާ