މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސިޔާމް މުޙަންމަދުގެ އިމްޕެކްސް ފިޝަރީޒް ކުންފުންޏަށް ދޫކޮށްފައިވާ ނ. މިނާވަރު އަތުލާފައިވަނީ ހެދިފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަށް ވެލިދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ނައިބު ރައީސް މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނެއްގައި އައްބާސް ވިދާޅުވީ ސަރުކާރުން މި ނިންމުން ނިންމާފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް، ސިޔާސީ މަގުސަދެއްގައި ސިޔާމަށް ޖެއްސުންކޮށް އަނިޔާވެރިވުމަށް ކަމަށެވެ.
އެގްރިކަލްޗަރ މިނިސްޓްރީން މި މަހުގެ 5 ވަނަ ދުވަހު ފޮނުވި ސިޓީގައި ބުނެފައިވަނީ އެއްބަސްވުމާ އެއްގޮތަށް ރަށުގައި މަސައްކަތް ނުކުރާތީ 14 ދުވަހުގެ ތެރޭގައި ރަށް ހުސްކުރުމަށެވެ.
އައްބާސް ފާހަގަކުރެއްވި ގޮތުގައި މިނާވަރަކީ 2010 ވަނަ އަހަރު ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުމަށް ސަރުކާރާއި އިމްޕެކްސް ފިޝަރީޒް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ރަށެކެވެ. އަދި ސިޔާމަށް މި ރަށް ލިބިވަޑައިގަތީ އެ ކުންފުނި ބައްލަވައިގަތުމުގެ މުޢާމަލާތުގެ ތެރެއިންނެވެ.
އިތުރަށް ވިދާޅުވެފައިވަނީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާނަމަ ކަނޑައެޅިފައިވާ ހަމައަކީ 20,000 ރުފިޔާއަށްވުރެ ބޮޑު ނޫން ޖޫރިމަނާއެއް ކުރުން ކަމަށާއި، ރަށް އަނބުރާ ނެގޭނެ އެއްވެސް ގާނޫނީ ހަމައެއް މިނިސްޓްރީއަށް ލިބިގެން ނުވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ ރައީސް މުޙައްމަދު މުޢިއްޒު ފަހަކަށްއައިސް ވިދާޅުވެފައިވަނީ ސަރުކާރުގެ ކޯލިޝަނުގައި މިވަގުތު އޮތީ ޕީއެންސީ އެކަނި ކަމަށް، އެމްޑީއޭ ނުހިމެނޭ ކަމަށެވެ.
ކޮމެންޓު ފޮނުވާ