ބޯހިޔާވަހިކަމުގެ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ބޯހިޔާވަހިކަމުގެ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

Author
ހުސައިން
08 މެއި 2025 07:50
0

ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީން ދިރާސާކުރަމުންދާ "ބޯހިޔާވަހިކަމުގެ ބިލު" އަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ބުދަ ދުވަހުން ފެށިގެން ހުޅުވާލައިފިއެވެ. މިކަން އަންގައިދެނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު އިޢުލާނަކުންނެވެ.

މަޖިލީހުގެ އިދާރާއިން ހާމަކުރިގޮތުގައި، މި ބިލާ ގުޅޭގޮތުން ޚިޔާލެއް ނުވަތަ ކޮމެންޓެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް 18 މޭ 2025 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ގެދޮރުވެރިކަމުގެ ކޮމިޓީގެ އީމެއިލް [email protected] އަށް ފޮނުވުމަށް ވަނީ އެދިފައެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައިވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ރައްކާތެރި އަދި ދިރިއުޅުމުގެ ބޭނުންތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމަށް ވާސިލްވުމުގެ ފުރުޞަތުތައް ފަހިކޮށްދީ، ބޯހިޔާވަހިކަމުގެ ދާއިރާގައި ހަރުދަނާ ނިޒާމެއް ޤާއިމްކުރުމެވެ.

އޭގެ އިތުރުން، ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޚާއްޞަ ޕްރޮގްރާމްތައް ހިންގުމުގެ އުސޫލުތައް ކަނޑައެޅުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާ ފަރާތްތަކުން ޒިންމާދާރުކަމާއި ދެފުށް ފެންނަ އުސޫލުން މަސައްކަތްކުރުމަށް މަގުފަހިކޮށްދިނުމަށް ވެސް މި ބިލުން އަމާޒުކުރެވެއެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ތަރައްޤީކުރެވޭ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތަކާއި ވަސީލަތްތައް ވެސް މި ބިލުގައި ކަނޑައެޅިގެންދާނެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގައި މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ އެއް މައްސަލައެވެ. މިހާތަނަށް އެއްވެސް ސަރުކާރަކުން މި މައްސަލައަށް އެކަށީގެންވާ ޙައްލެއް ގެނެސްދީފައެއް ނުވެއެވެ. ނަމަވެސް، މި ބިލުގެ ސަބަބުން ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދާއިރާއަށް އައު ބަދަލުތަކަކާއި ކުރިއެރުންތަކެއް ލިބިގެންދާނެކަމުގެ އުންމީދު ކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.