އިންޑިއާއިން ޕާކިސްތާނުގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ޕާކިސްތާނުގެ 31 މީހުން މަރުވެފައިވާ ކަމަށް ޕާކިސްތާން ސަރުކާރުން ހާމަކޮށްފިއެވެ. މި ހަމަލާތަކުގައި އިތުރު 46 މީހަކަށް އެކި ވަރުގެ އަނިޔާވެސް ވެފައިވާ ކަމަށް އެގައުމުން ބުނެފައިވެއެވެ.
އިންޑިއާއިން މި ހަމަލާތައް ދީފައިވަނީ "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ކުރިއަށްގެންދާ ހަނގުރާމަވެރި އޮޕަރޭޝަނެއްގެ ދަށުންނެވެ. މިއީ މިދިޔަ މަހު ކަޝްމީރުގައި ހިނގި ޓެރަރިސްޓް ހަމަލާއެއްގެ ރައްދުގައި ކަމަށްވެއެވެ. އިންޑިއާގެ ކަޝްމީރަށް ނިސްބަތްވާ ޓޫރިސްޓް އަވަށެއް ކަމަށްވާ ޕަހަލްގާމުގައި ހަތިޔާރު އެޅި ބަޔަކު ދިން ހަމަލާއެއްގައި 26 މީހަކު މަރުވެފައިވެއެވެ.
ޕަހަލްގާމުގައި ދެވުނު ހަމަލާގެ ޒިންމާ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ދަ ރެސިސްޓެންސް ފްރޮންޓް (ޓީއާރުއެފް) އިން ނަގާފައިވެއެވެ. އިންޑިއާ ސަރުކާރުގެ ތުހުމަތުގައި ޓީއާރުއެފް އަކީ ޕާކިސްތާން ސަރުކާރާ ގުޅުން އޮންނަ ޖަމާއަތެކެވެ.
ޕާކިސްތާން ސަރުކާރުން ވަނީ އިންޑިއާއިން ދިން މި ހަމަލާގެ ރައްދު، އެކަމަށް އެކަށީގެންވާ ވަގުތެއްގައި ދޭނެ ކަމަށް ބުނެފައެވެ. އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދިނުމަކީ އެގައުމުން ހެދި ގޯހެއް ކަމަށާއި، އޭގެ އަގު އެގައުމުން އަދާކުރަންޖެހޭނެ ކަމަށްވެސް ޕާކިސްތާނުން ބުނެފައިވެއެވެ.
މީގެ އިތުރުން، ޕަހަލްގާމަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން ވަނީ އިތުރު ހަރުކަށި ފިޔަވަޅުތަކެއްވެސް އަޅާފައެވެ. މީގެ ތެރޭގައި އިންޑިއާއިން ހިއްސާކުރާ ކޯރުތަކުން ޕާކިސްތާނަށް ފެން ލިބޭ ގޮތަށް އޮންނަ ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލުމާއި، އިންޑިއާއިން ޕާކިސްތާނު ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލުން ހިމެނެއެވެ.