ޖަޕާން ސަރުކާރުން ރާއްޖޭގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރުމަށް އެއްބަސްވުމުގައި ސޮއި ކޮށްފި

ޖަޕާން ސަރުކާރުން ރާއްޖޭގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރުމަށް އެއްބަސްވުމުގައި ސޮއި ކޮށްފި

Author
ހުސައިން
07 މެއި 2025 04:40
0

ޖަޕާން ސަރުކާރުން ދިވެހިރާއްޖޭގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރުމަށް ނިންމައިފިއެވެ. މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކުރެވިފައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރު ޑރ. އަބްދުއްލާ ހަލީލް ސޮއިކުރެއްވިއިރު، ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ.

"އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން، ރާއްޖޭގެ ކޯސްޓްގާޑުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި "ހާބަރު ކްރާފްޓް ޕެޓްރޯލް ވެސަލް" ގެ ދެ އުޅަނދު ހަދިޔާކުރުމާ ގުޅޭގޮތުން "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރުމަށްފަހު، ފޮރިން މިނިސްޓަރު ޑރ. ހަލީލް ވިދާޅުވީ މި އުޅަނދުތައް ލިބުމުން ކޯސްޓްގާޑުގެ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި، ކަނޑުގެ ގާނޫނު ތަންފީޒުކުރުމާއި، އަދި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށެވެ.

ޖަޕާނު ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 400 މިލިއަން ޖަޕާނީސް ޔެން (2.8 މިލިއަން އެމެރިކާ ޑޮލަރު) ދިނުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އިސް ވެރިންނާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަދި ޖަޕާނުގެ އެމްބަސީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މުހިންމު ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު، ދެގައުމުގެ ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމަށް އަލިއަޅުވާލައްވައި، ޖަޕާނު ސަރުކާރުގެ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.