ހެންވޭރުގައި ހުރި އިމާރާތެއްގެ ފުރާޅުން ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން "ދުލެއް ނުކުރާނަން" ގެ ނަމުގައި ބާއްވަމުންދާ މުޒާހަރާތަކުގައި އެޗްއާރުސީއެމްގެ މުވައްޒަފުން ބައިވެރިނުވުމަށް އަންގައިފިއެވެ.
އެޗްއާރުސީއެމުން ބުނެފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މުޒާހަރާތައް މޮނިޓަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ކޮމިޝަނުގެ މުވައްޒަފުން އޮން-ސައިޓް މޮނިޓަރިންގ އާއި މީޑިއާ މޮނިޓަރިންގްގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ.
ކޮމިޝަނުން އިތުރަށް ބުނެފައިވަނީ، މިއީ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމުގެ ދަށުން ކުރެވޭ މަސައްކަތެއްކަމަށާއި، ފުލުހުން އަމަލުކުރާގޮތް ވެސް ބަލަމުންގެންދާ ކަމަށެވެ. މި މަސައްކަތުގައި ކޮމިޝަން ތައައްސުބުން އެއްކިބާވެފައި ހުންނަންޖެހޭކަން ބަޔާންކޮށްފައިވެއެވެ.
ދުނިޔޭގެ ހިއުމަން ރައިޓްސް އިންސްޓިޓިއުޝަންތަކުގެ އުސޫލުތަކުގެ ދަށުން، މުވައްޒަފުން މަސްލަހަތު ފުށުއަރާނެ ހަރަކާތްތަކުގައި ބައިވެރިނުވުމަށް އެދިފައިވެއެވެ. މިއީ ކޮމިޝަނުގެ ސުލޫކު ހިފެހެއްޓުމަށާއި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން މަސައްކަތްކުރުމަށް އެޅޭ ފިޔަވަޅެއްކަމަށް އެޗްއާރުސީއެމުން ބުނެފައިވެއެވެ.
ޔުމްނުގެ މައްސަލަ ހޫނުވެފައިވަނީ އޭނާ ވެއްޓުނު ރޭ، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީންގެ އާއިލީ ގޭގައި ހުރި އެޕާޓްމަންޓެއްގައި ބޭއްވުނު ޕާޓީއަކަށް ދިޔަކަމަށާއި، އެކަމާ ގުޅުންހުރި މައުލޫމާތު ފުލުހުން ހާމަނުކުރުމާ ގުޅިގެންނެވެ. ފަހުން ޕާޓީގައި ބައިވެރިވި ފަރާތްތަކުގެ ޕާސްޕޯޓު ހިފެހެއްޓި ކަމުގައިވީނަމަވެސް، ޕާޓީ އޮތް ވަގުތު ރާއްޖޭގައި ނެތްކަމަށާއި އެއީ އޭނާއާ ގުޅުންހުރި ތަނެއް ނޫންކަމަށް އަމީން ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ