އިންޑިއާގެ މިސައިލް ހަމަލާތަކުގައި ޕާކިސްތާނުގެ 8 މީހަކު މަރުވެއްޖެ

އިންޑިއާގެ މިސައިލް ހަމަލާތަކުގައި ޕާކިސްތާނުގެ 8 މީހަކު މަރުވެއްޖެ

ގުޅުންހުރި

ޕާކިސްތާނުގެ ގިނަ ސަރަހައްދުތަކަކަށް އިންޑިއާއިން އަމާޒުކޮށް ދިން މިސައިލް ހަމަލާތަކުގައި މިހާތަނަށް 8 މީހަކު މަރުވެ، 35 މީހުން ޒަޚަމްވެފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާގެ އިންޓަރ ސަރވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު)ގެ ޑިރެކްޓަރ ޖެނެރަލް ލެފްޓިނެންޓް ޖެނެރަލް އަޙްމަދް ޝަރީފް ޗައުދަރީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވައިފިއެވެ.

ޖެނެރަލް ޗައުދަރީ ވިދާޅުވިގޮތުގައި އިންޑިއާގެ އަސްކަރިއްޔާއިން ޕާކިސްތާނުގެ ހަ އަމާޒަކަށް ޖުމްލަ 24 ހަމަލާއެއް ދީފައިވެއެވެ. އެންމެ ބޮޑު ގެއްލުން ލިބިފައިވަނީ ޕަންޖާބު ޕްރޮވިންސްގެ ބަހާވަލްޕޫރު ސިޓީ ކައިރީގައި އޮންނަ އަހުމަދްޕޫރު ޝާރްކިއާއަށެވެ. އެ ސަރަހައްދުގައި ހުރި މިސްކިތަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ފަސް މީހުން މަރުވިއިރު، އޭގެ ތެރޭގައި އުމުރުން 3 އަހަރުގެ އަންހެން ކުއްޖަކުވެސް ހިމެނެއެވެ.

މީގެ އިތުރުން ސިއާލްކޯޓް ސިޓީ ކައިރީގައި އޮންނަ މުރިދްކޭ ސިޓީއާއި ޕަންޖާބު ޕްރޮވިންސްގެ ޝަކަރްގަރްގައިވެސް ހަމަލާތައް ދީފައިވާކަމަށް ޖެނެރަލް ޗައުދަރީ ވިދާޅުވިއެވެ. އަދި ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ މުޒައްފަރާބާދާއި ކޮޓްލީއަށްވެސް ހަމަލާ ދީފައިވާއިރު، ދެ މިސްކިތެއް ހަލާކުވެ، 16 އަހަރުގެ އަންހެން ކުއްޖަކާއި 18 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

އިންޑިއާއިން ޕާކިސްތާނަށް މި ހަމަލާތައް ދީފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ކަޝްމީރުގެ އިންޑިއާ ފަޅީގެ ޕަހަލްގަމްގައި ދިން ހަމަލާގައި 26 އާންމު ރައްޔިތުން މަރުވުމާ ގުޅިގެންނެވެ. އިންޑިއާއިން ބުނީ އެއީ ޕާކިސްތާނުން ދިން ހަމަލާއެއް ކަމަށެވެ. ނަމަވެސް ޕާކިސްތާނުން ވަނީ މިކަން ދޮގުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ