މާލެ (5 މޭ 2025) – ފުލުހުންގެ މުވައްސަސާގައި މައރުތަކުގެ މައްސަލަތަށް އިންވެސްޓިގޭޓްކުރާ ޔުނިޓްގެ ވެރިޔާ، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު މަގާމުން ވަކިކޮށްފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ސާމިހު އެ މަގާމުން ވަކިކޮށް ތަހުގީގުތަކުގެ ފެންވަރު ބަލަން ކަނޑައަޅާފައިވާ ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައިވެއެވެ.
ސާމިހުގެ މި ބަދަލާ ގުޅޭގޮތުން ފުލުހުންގެ ފަރާތުން މިހާތަނަށް ވަކި އެއްޗެއް ނުބުނެއެވެ. ނަމަވެސް، މިދިޔަ މަހު 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓިގެން މަރުވި ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ޢާއިލާއިން ވަނީ ސާމިހު މަގާމުން ވަކިކުރުމަށް ގޮވާލާފައެވެ.
ޔުމްނުގެ ހާދިސާއާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގުތަކާ މެދު އާންމުންގެ ފަރާތުން ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިވަމުންދިޔައެވެ. އަދި މި ހާދިސާއާ ގުޅިގެން ފާހަގަކުރެވެނީ ޕޮލިސް ކޮމިޝަނަރު އަލި ޝުޖާއު ވެސް މަގާމުން އިސްތިއުފާދެއްވާފައިވާކަމެވެ.
މި މައްސަލަ ތަހުގީގުކުރުމަށް ސަރުކާރުން ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި މައްސަލައިގައި ކުށްވެރިވާ މީހުންނަށް ޖެހިލުމެއްނެތި ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެފައެވެ.
ޔުމްނުގެ މަރުގެ މައްސަލައިގައި ކުރިއަށްދާ ތަހުގީގާއި ރިޔާސީ ކޮމިޝަނުގެ މަސައްކަތާ މެދު ރައްޔިތުން އުއްމީދުކުރަނީ މި މައްސަލައިގައި ހަގީގަތް ހާމަވެ، ކަމާ ގުޅުންހުރި ފަރާތްތަކަށް ޢަދުލު އިންސާފު ލިބިގެންދާނެކަމަށެވެ.
ކޮމެންޓު ފޮނުވާ