އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު މުނާ އިސްތިއުފާ ދެއްވައިފި

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު މުނާ އިސްތިއުފާ ދެއްވައިފި

Author
ހުސައިން
05 މެއި 2025 07:36
0

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަޤާމުން އައިމިނަތު މުނާ މިއަދު އިސްތިއުފާ ދެއްވައިފިއެވެ. އެމްޑީއޭ އަށް ނިސްބަތްވާ މުނާ އިސްތިއުފާ ދެއްވުމަށް ނިންމެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގެ ދުވަސްވަރާއި އޭގެ ފަހުން ވެސް ބަހާއި ޢަމަލާ ދިމާނުވާ، ރައްޔިތުންނަށް އޮޅުވާލައްވާ އަދި އިތުރުފުޅު ހައްދަވާ ބޭފުޅެއްކަން ސާބިތުވެފައިވާތީއެވެ.

ރައީސް މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި މުނާ ފާހަގަކުރައްވާފައިވަނީ ސަރުކާރުން އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދާ މެދު ޢަމަލުކުރަމުން ގެންދަނީ އިންތިހާއަށް އިހާނެތިކޮށް ކަމަށެވެ. ސަރުކާރުން ސިޔާމްގެ ވިޔަފާރިތަކަށް ދަތިކޮށް، މުދާތައް ފޭރި، އަގު ވައްޓާލުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެ، މުނާ ވަނީ މިއީ ނާތަހުޒީބު ޢަމަލެއް ކަމަށް ސިފަކުރައްވާފައެވެ.

"އެހެން ކަމުން އަޅުގަނޑު ނިސްބަތްވާ ޕާޓީގެ ރައީސް އަދި އަޅުގަނޑު ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަށް އަނިޔާވެރިވާ ސަރުކާރެއްގެ ސިޔާސީ މަގާމެއްގައި ދެމިހުރުމަކީ އަޅުގަނޑުގެ ޒަމީރު ގަބޫލުކުރާ ކަމެއް ނޫން" ކަމަށް މުނާ ވިދާޅުވެފައިވެއެވެ.

މި ސަރުކާރު ވެރިކަމަށް އައިއިރު، އެމްޑީއޭ އޮތީ ސަރުކާރު ކޯލިޝަންގައެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެމްޑީއޭ ދެން ސަރުކާރު ކޯލިޝަންގައި ނުހިމެނޭ ކަމަށެވެ. މިއަދުން ފެށިގެން މުނާ އިސްތިއުފާ ދެއްވުމާއެކު، އޭނާގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަޤާމު ނިމުމަކަށް އައިސްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.