ފޮރިން ސެކްރެޓަރީ އިނާޔާ މަޤާމުން ވަކިކޮށްފި

ފޮރިން ސެކްރެޓަރީ އިނާޔާ މަޤާމުން ވަކިކޮށްފި

Author
ހުސައިން
05 މެއި 2025 11:49
0

މއ. ރެސްޓިންހައުސްގެ ފާތިމަތު އިނާޔާ ފޮރިން ސެކްރެޓަރީގެ މަޤާމުން ވަކިކޮށްފިއެވެ. އެހެންނަމަވެސް، އިނާޔާ ފޮރިން ސެކްރެޓަރީގެ މަގާމުން ވަކިކުރެވުނީ ކޮން ސަބަބަކާ ހުރެކަން ސާފުވެފައެއް ނުވެއެވެ.

ފޮރިން ސެކްރެޓަރީގެ މަޤާމަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަޤާމަކަށްވުމާއެކު، ރައީސް ބޭނުންފުޅުވެއްޖެ ހިނދެއްގައި އެ މަޤާމަށް އައްޔަންކޮށްފައިވާ ފަރާތް ބަދަލުކުރުމުގެ އިޚްތިޔާރު ރައީސަށް ލިބިވަޑައިގަންނަވައެވެ.

ފޮރިން ސެކްރެޓަރީގެ މަޤާމުން ވަކިވުމާ ގުޅިގެން އިނާޔާ ވަނީ އޭނާގެ މަޤާމުގައި ހުންނެވި ދުވަސްވަރު އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ވަކިކުރެވުނު ނަމަވެސް، ފޮރިން ސާވިސް ގާނޫގައި ވާގޮތުން އިނާޔާއަށް ފޮރިން މިނިސްޓްރީގައި ސެކްރެޓަރީ މަޤާމުގައި ދެމިހުރުމުގެ ފުރުޞަތު އޮންނާނެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާތިމަތު އިނާޔާ ފޮރިން ސެކްރެޓަރީގެ މަޤާމަށް ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި އައްޔަންކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު 12 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މި މަޤާމަށް އަންހެން ބޭފުޅަކު އައްޔަންކުރެވުނު ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އިނާޔާއަކީ 1996 އިން ފެށިގެން ޑިޕްލޮމެޓިކް ދާއިރާގައި ޚިދުމަތްކުރައްވަމުން އަންނަ ކެރިއަރ ޑިޕްލޮމެޓެކެވެ. އޭނާ ވަނީ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، ޑިރެކްޓަރ އޮފް ފޮރިން ރިލޭޝަންސް އަދި ޖޮއިންޓް ސެކްރެޓަރީ ފަދަ މަޤާމުތައް ފުރުއްވާފައެވެ. އިނާޔާ ވަނީ އޮސްޓްރޭލިއާގެ ސިޑްނީ ޔުނިވަރސިޓީން މާސްޓަރ އޮފް އިންޓަނޭޝަނަލް ސްޓަޑީސް ހާސިލުކުރައްވާފައެވެ.

ފޮރިން ސެކްރެޓަރީއަކީ ބައިނަލްއަޤްވާމީ ގޮތުން ޤައުމު ތަމްސީލުކޮށް، ޚާރިޖީ ސިޔާސަތު ތަރައްޤީކޮށް ތަންފީޒުކުރުމުގެ ޒިންމާ އަދާކުރައްވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.