ސުޕްރީމް ކޯޓުގެ ފަނޑިޔާރުންކަމުގައިވާ ޑރ. އަޒްމިރަލްދާ ޒާހިރު އަދި މަހާޒް އަލީ ޒާހިރު މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) އިއްޔެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ސިޓީއެއް ފޮނުއްވައިފިއެވެ.
އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާފައިވާ އިބްރާ މި ސިޓީގައި މި މައްސަލައިގައި މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން ވިސްނަންޖެހޭ ގިނަ މުހިންމު ނުކުތާތަކެއް ފާހަގަކުރައްވާފައިވެއެވެ. މިގޮތުން، ވަކިކުރުމަށް ނިންމާފައިވާ ދެ ފަނޑިޔާރުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް އެބޭފުޅުންގެ ފަރާތުން މައުލޫމާތު ސާފުކުރުމުގެ މުހިންމުކަން އިބްރާ ފާހަގަކުރައްވާފައިވެއެވެ. އަދި ހަމައެއާއެކު، ޖޭއެސްސީގެ މެންބަރުންގެ ސުލޫކީ މައްސަލަ ބެލުމަކީވެސް މުހިންމު ކަމެއްކަމަށް އިބްރާ ދެކެވަޑައިގަންނަވާކަން ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.
"ގާނޫނުން ބަޔާންކުރާ ސުލޫކުން ބޭރުގައި ކޮށްފައިވާ އެއްވެސް ކަމަކީ ގާނޫނީ ބާރު އޮންނާނޭ ކަމެއް ނޫން ކަން މި ހިނދުގައި ފާހަގަކުރަމެވެ،" އިބްރާގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
އިބްރާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން އެއްފަހަރާ ވަކިކުރުމަކީ ވަރަށް ސީރިއަސް މައްސަލައެކެވެ. އަދި މިފަދަ ބޮޑު ނިންމުމެއް ނިންމުމުގެ ކުރިން އެ ފަނޑިޔާރުންގެ ބަސް އަޑުއެހުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. މީގެއިތުރުން، ޖޭއެސްސީން މި މައްސަލައިގައި އަމަލުކޮށްފައިވަނީ އެ ކޮމިޝަނުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ ޚިލާފަށްކަމަށް އިބްރާ ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން، ކޮމިޝަނުގެ މެންބަރުން މި މައްސަލައިގައި އަމަލުކޮށްފައިވަނީ ސުލޫކުން ބޭރުން އަދި ހެޔޮ ނިޔަތެއް ނެތިކަމަށް އޭނާ ދެކެވަޑައިގަންނަވާކަން ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.
އިބްރާގެ ސިޓީގައި، ޖޭއެސްސީން މައްސަލަ ބެލުމުގައި ހެޔޮ ނިޔަތުގައި އަދި ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށްފައިވޭތޯ ބެލުމަށާއި ހުށަހެޅުނު ހެކިތައް ރަނގަޅަށް ވަޒަންކޮށް، ގާނޫނީ އުސޫލުތައް ހިފަހައްޓާފައިވޭތޯ ބެލުމަށް އެދިވަޑައިގެންފައިވެއެވެ. މި މައްސަލަ މަޖިލީހުން ވަނީ މިއަދު ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.
ކޮމެންޓު ފޮނުވާ