ޔުމްނުގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް އާއިލާއިން ބުނެފި

ޔުމްނުގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް އާއިލާއިން ބުނެފި

Author
ހުސައިން
05 މެއި 2025 07:45
0

މާލޭގެ ގެއެއް ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޒުވާން އަންހެން ކުއްޖާ ހައްވާ ޔުމްނުގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން މިއަދު ވަނީ ބުނެފައެވެ.

މިދިޔަ މަހު 18 ވަނަދުވަހު މާލޭގައި ހުންނަ ގުދަނެއްގެ ފުރާޅުމަތިން ފެނުނު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އަންނަނީ މެލޭޝިޔާގައި ފަރުވާ ހޯދަމުންނެވެ. އައިޖީއެމްއެޗް އައިސީޔޫގައި 10 ދުވަސް ވަންދެން އޮތުމަށްފަހު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔައީ މިދިޔަ މަހު 26ގައެވެ.

ހާދިސާއަށް 17 ދުވަސްފަހުން މިހާރު ޔުމްނު ހޭ އަރާފައިވާކަން އާއިލާއިން މިއަދު ބުނެފައިވެއެވެ. ޔުމްނުގެ ކޮއްކޮ މުހައްމަދު މުއުމިން 'އެކްސް' ޕްލެޓްފޯމުގައި ކުރި ޕޯސްޓެއްގައި ޔުމްނުގެ ހާލު އޮޅުން ފިލުވައި ދިން އިރު، ޔުމްނު ހޭ އެރި ނަމަވެސް އަދިވެސް ބޮޑު ޝޮކެއްގައިވާ ކަމަށާއި، އައިސީޔޫގައި ފަރުވާ ކުރިއަށްދާ ކަމަށް ވަނީ ބުނެފައެވެ.

ފާއިތުވެދިޔަ ދެ ދުވަހު ޔުމްނުގެ ފުއްޕާމޭގައި އިންފެކްޝަނެއް ހެދިގެން ފަރުވާދިންކަމަށާއި، މިހާރު ފީޑިން ޓިއުބް ނައްޓާލައި ހިމުންކޮށްގެން ކާތަކެތި ކެވޭކަމަށް މުއުމިން ވަނީ ހާމަކޮށްފައެވެ. އަދި އަންނަ ބުރާސްފަތި ދުވަހު ޔުމްނުގެ އިތުރު ސާޖަރީތަކެއް ހެދުމަށް ނިންމާފައިވާ ކަމަށާއި، އޭގެތެރޭގައި ކަނދުރާގެ ސާޖަރީއަކާއި އުނަގަނޑު ސިދާކުރަން ހަދަންޖެހޭ ސާޖަރީއެއް ހިމެނޭކަމަށްވެސް މުއުމިން ބުނެފައިވެއެވެ.

މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނަމުން އައީ ޔުމްނު އިމާރާތުން ވެއްޓުނީ އަމިއްލައަށްކަން ތަހުގީގަށް ޔަގީންވެފައިވާ ކަމަށެވެ. އެހެންނަމަވެސް ފަހުން ޔުމްނު ވެއްޓުނު ރޭ އޭނާއާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލް، ޔުމްނު ވެއްޓުމުގައި ބައިވެރިވުމެއް އޮތްކަމަށް ބުނެ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ތަހުގީގަށް އެއްބާރުލުން ނުދޭކަމަށް ބުނެކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

ރައުދު އަހުމަދު ޒިލާލްގެ ބަންދަށް ކޯޓުން މިދިޔަ ބުދަ ދުވަހު ވަނީ އިތުރު 10 ދުވަސް ޖަހާފައެވެ. މީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.

ޔުމްނު ވެއްޓުނު މައްސަލައިގައި ތަހުގީގު ފުރިހަމައަށް ނުގެންދާކަމަށް ބުނެ، ޒުވަނުންގެ ގިނަ ބަޔަކު އަންނަނީ ކޮންމެ ރެއަކަކު މާލޭ ހެންވޭރުގައި ހުންނަ ފުލުހުންގެ އިދާރާ ކުރިމައްޗަށް އެއްވެ މުޒާހަރާކުރަމުންނެވެ. މި މުޒާހަރާތައް ކުރިއަށް ދަނިކޮށް މި މައްސަލައިގައި އަމަލުކޮށްފައިވާގޮތް ބަލައި، މުޅި މައްސަލަ ތަހުގީގުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.