ރާއްޖޭގައި އަޅާ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) އާއެކު 2040 ވަނަ އަހަރު އަންނަ އިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޤަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު އެޅުމުގެ އެއްބަސްވުމުގައި މިރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރެވުނެވެ.
އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، މި މާލީ މަރުކަޒަކީ ރާއްޖޭގެ ކުރިމަގު ރަމްޒުކޮށްދޭ ތަނެއް ކަމަށެވެ. "އަޅުގަނޑުމެން ދެކެން ބޭނުންވަނީ ރާއްޖެއަކީ ހަމައެކަނި ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަނެއްގެ ގޮތުގައި ނޫން. ބޭނުންވަނީ މުޅި ދުނިޔެވެސް ބަދަލުކޮށްލާނެ ޤައުމެއްގެ ގޮތުގައި ރާއްޖެ ފެނުން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ބޭނުންވަނީ ކުރީގެ މޮޑެލްތަކަށް ބަލައިގެން ކުރިއަށް ދިއުން ނޫންކަމަށާއި މުޅިން އާ ހަރުފަތަކަށް ރާއްޖެ ގެންދިއުމަށްކަމަށެވެ. އާ ފައިނޭންޝަލް އިކޯ ސިސްޓަމަކާއެކު މި މަރުކަޒު ވާނީ ޑިޖިޓަލްކޮށް ދެމެހެއްޓެނިވި ގޮތަކަށް ހިންގޭ ސެންޓަރަކަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އެއާއެކު އެތައް ބިލިއަން ޑޮލަރުގެ އާމްދަނީ ލިބި، ދުރު މުސްތަޤްބަލުގައި ޖީޑީޕީއަށް ވެސް އިތުރުވެ ކޮމިއުނިޓީތަކާއި އިންޑަސްޓްރީތައް ކުރިއަރައިދިއުމަށް ބޮޑު ބާރަކަށް ވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރާއެކު 2040 ވަނަ އަހަރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް މި މަޝްރޫޢު ބާރަކަށް ވެގެންދާނެކަމަށް ރައީސް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ