ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މި މައްސަލައަކީ މާދަމާ ބޭއްވާ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާގައި، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި އެޖެންޑާކޮށްފައިވާ މައްސަލައެކެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން ދެ ފަނޑިޔާރުން ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް ނިންމީ މިއަދު ބޭއްވި ޖޭއެސްސީގެ މި އަހަރުގެ 18ވަނަ ޖަލްސާގައެވެ.
ޖޭއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ދެ ފަނޑިޔާރުން ވަކި ކުރަން ނިންމީ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް މިދިޔަ ޑިސެމްބަރު 4ގައި ގެނެވުނު ފަރާތެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނު މައްސަލައާ ގުޅިގެންކަމަށެވެ. އެ މައްސަލައިގައި ދެ ފަނޑިޔާރުން ބައިވެރިވެ ކްރިމިނަލް ކޯޓުގެ ޤާޟީންނަށް ނުފޫޒު ފޯރުވާފައިވާކަން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ތަޙްޤީޤު ކޮމިޓީއަށް ސާބިތުވެފައިވާތީކަމަށް ބަޔާންކޮށްފައިވެއެވެ.
ދެ ފަނޑިޔާރުންގެ މި ޢަމަލަކީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ ބައެއް މާއްދާތަކާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ ބައެއް ނަންބަރުތަކާ ޚިލާފު ޢަމަލެއްކަމަށް ޖޭއެސްސީން ބުނެއެވެ. އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން ދެ ފަނޑިޔާރުން ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޙުސްނުއްސުޢޫދެވެ. ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޙުސްނުއްސުޢޫދުވަނީ މައްސަލަ ބަލަން ފެށުމުން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ