އެމްއައިއެފްސީ މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް އެތައް ހާސް ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެ: ޒަމީރު

އެމްއައިއެފްސީ މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް އެތައް ހާސް ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެ: ޒަމީރު

Author
ހުސައިން
04 މެއި 2025 10:40
0

ރާއްޖޭގައި ގާއިމްކުރަން ނިންމި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް އެތައް ހާސް ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިރޭ ބޭއްވުނު ރަސްމީ ހަފްލާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ގަތަރުގެ ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ ހާޒިރުގައި، 135.6 ބިލިއަން ރުފިޔާގެ މި ބޮޑު އިންވެސްޓްމަންޓް ޕްރޮޖެކްޓަށް ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުނި ވަނީ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޒަމީރު ކަމަށާއި، ޔޫއޭއީގައި ގާއިމުކޮށްފައިވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ޗެއާމަން މަރުވާން އަލްހާޖެރީއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ މި މަޝްރޫއަކީ ދިވެހި އިގުތިސާދަށާއި ދައުލަތުގެ މިނިވަންކަމަށް ޚާއްސަ މަޝްރޫއެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިގުތިސާދު މިހާތަނަށް ބަރޯސާވެފައިވަނީ ހަމައެކަނި ޓޫރިޒަމަށް ކަމަށާއި، އިސްތިގުލާލުގެ ރައްކާތެރިކަން ހަރުދަނާކުރުމަށް އެހެން ދާއިރާތައް ވެސް ތަރައްގީކުރަން މުހިންމު ކަމަށެވެ.

މި މާލީ ފްރީ ޒޯނުން ބޭރުގެ އިންވެސްޓަރުންނާއި ވިޔަފާރިވެރިންނަށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ކަމުގައި ވިދާޅުވި މިނިސްޓަރު، ދިވެހިންނަށް ވެސް އޭގެ ފައިދާތައް ގިނަ ކަމަށް ފާހަގަކުރެއްވިއެވެ. ޚާއްސަގޮތެއްގައި ކުރިއަށް އޮތް އަހަރުތަކުގައި ޖީޑީޕީއަށް އަހަރީ ބިލިއަންތަކުން ކުރިއެރުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްއައިއެފްސީގެ ސަބަބުން ދިވެހީންނަށް އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެ. މާލީ، ގާނޫނީ، ފަތުރުވެރިކަން، ތައުލީމީ އަދި އެހެނިހެން ދާއިރާތަކުން ވެސް. މީގެ ސަބަބުން ރާއްޖޭގެ ތަޢުލީމީ ޒުވާނުންނަށް، ހަމައެކަނި ރާއްޖެއިން ބޭރުގައި ނޫނަސް، މި ތަނުގައި، އަމިއްލަ ގައުމުގައި ވެސް އިސްކޮށް އުޅުމުގެ ފުރުސަތު ފަހިވެގެންދާނެ،" މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

މި ފައިނޭންޝަލް ސެންޓަރުގައި ހިމެނޭނީ 3،500 މީހުންގެ ޖާގައިގެ ކޮންފަރެންސް ސެންޓަރަކާއި، ބައިނަލްއަގުވާމީ އޮފީސްތަކަށް ޚާއްސަ ތިން އޮފީސް ޓަވަރާއި، މަތީ ފެންވަރުގެ ބޯހިޔާވަހިކަމުގެ ތަންތަނާއި، ދުނިޔޭގެ މަޝްހޫރު ހޮޓެލްތަކާއި، ރީޓެއިލް ފިހާރަތަކާއި، އޯޝަނޮގްރަފިކް މިއުޒިއަމެއް ވެސް ހިމެނެއެވެ.

އޭގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ވަސީލަތްތަކާއި، ސިއްޙީ މަރުކަޒުތަކާއި، މިސްކިތަކާއި، އިންޓަނޭޝަނަލް ސްކޫލް ހިމެނޭގޮތަށް ތަޢުލީމީ ވަސީލަތްތައް ވެސް ގާއިމުކުރެވޭނެއެވެ.

މި ސަރަހައްދުގެ މާސްޓަ ޕްލޭން ތައްޔާރުކޮށްފައިވަނީ އާކިޓެކްޓް ޖިއާނީ ރަނާއުލޯއެވެ. އިމާރާތްތަކާއި އާންމު ތަންތަނަށް ހަކަތަ ފޯރުކޮށްދޭނީ އަލުން އުފެއްދޭ ހަކަތައިން ކަމަށާއި، އެންމެނަށް ފަސޭހަވާނެގޮތަށް ދަތުރުފަތުރުގެ ވަސީލަތްތައް ބިމުގެ އަޑީގައި ގާއިމުކުރެވޭނެއެވެ.

އެމްއައިއެފްސީން މި ސަރަހައްދުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ޓެކްސް ނުދައްކާ އަދި އެތަނުގައި އަހަރުގެ ވަކި މުއްދަތެއް ދިރިއުޅެން މަޖުބޫރު ނުވާނެ އިމްތިޔާޒު ދޭނެކަމަށް ބުނެއެވެ. ހަމަ އެހެންމެ، ބޭންކިންގ، އޮފްޝޯ ބޭންކިންގ، ޑިޖިޓަލް އެސެޓްތަކާއި ތިމާވެށި ރައްޓެހި ފައިނޭންސިންގެ ޚިދުމަތްތައް ވެސް ލިބޭނެއެވެ.

އެމްއައިއެފްސީން ބުނި ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 1 ބިލިއަން ޑޮލަރަށްވުރެ ގިނައިން އާމްދަނީ ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.