ޔުމްނު ހޭ އަރައިފި، އަދިވެސް އޮތީ އައިސީޔޫގައި

ޔުމްނު ހޭ އަރައިފި، އަދިވެސް އޮތީ އައިސީޔޫގައި

Author
ހުސައިން
04 މެއި 2025 08:04
0

މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި ކޯމާއަށް ގޮސްފައިވާ ހައްވާ ޔުމްނު ރަޝީދު ހޭ އަރައިފައެވެ.

ޔުމްނުގެ އާއިލާގެ ފަރާތުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޔުމްނު މިހާރު ހޭ އަރައިފައިވާ ކަމަށާއި، ނަމަވެސް އަދިވެސް އޭނާ އޮތީ ޝޮކް ހާލަތުގައި ކަމަށެވެ. އަދި މިހާރުވެސް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް އާއިލާއިން ބުނެއެވެ.

"އައިސީޔޫގައި އަދިވެސް އޮތީ. އެކަމަކު މިހާރު މިހާރު ސްޓޭބަލް. ކާންދޭ ހޮޅި އޮތީ ނަގައިފައި. ޔުމްނުއަށް މިހާރު ޗަސްކޮށްފައި ހުންނަ އެއްޗެތި ކެވޭ" އާއިލާގެ މެންބަރަކު ބުންޏެވެ.

އިތުރަށް އާއިލާއިން ހާމަކުރި ގޮތުގައި، ޔުމްނުގެ އުނަގަނޑު އެއްވަރުކުރުމާއި، އުނަގަނޑާއި އޮޅަނބޮށްޓަށް ވަދެފައިވާ އެތިއެތިކޮޅު ނެގުމަށް ކުރަން ޖެހޭ އޮޕަރޭޝަން އަންނަ އަންގާރަ ދުވަހު ކުރުމަށް ނިންމާފައިވެއެވެ.

ފާއިތުވި ދެ ދުވަސްވަރު ޔުމްނުގެ މޭގައި އިންފެކްޝަން ހުރި ކަމަށާއި، އޭނާގެ ހާލަތު ލަސްލަހުން ނަމަވެސް ރަނގަޅުވަމުންދާ ކަމަށް އާއިލާއިން ބުނެއެވެ.

އިމާރާތުގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް ޔުމްނު، ހޭވެރިކަމެއް ނެތި އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު މެލޭޝިއާއަށް ގެންގޮސްފައިވެއެވެ. އެންސްޕްއިން ދިން އެހީއާއި ފަންޑްރެއިސިންގެ މަސައްކަތްތަކުން އެއްކުރި ފައިސާއިން ޔުމްނު މެލޭޝިއާގައި ވަނީ ވަރަށް ނުރައްކާތެރި ކަރުގެ އޮޕަރޭޝަނެއް ކޮށްފައެވެ.

ޔުމްނު ވެއްޓުނީ ކިހިނެއް ކަމެއް އަދިވެސް ސާފެއް ނުވާއިރު، މި މައްސަލައިގައި ޒުވާނުން ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ކޮންމެ ރެއަކު މުޒާހަރާ ކުރަމުން ގެންދެއެވެ.

މި ހާދިސާ ތަހުގީގުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަންގެ މަސައްކަތް ވަނީ ފަށައިފައެވެ. މި ހާދިސާއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ ރައުދު އަހުމަދު ޒިލާލް އެކަންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.