ގދ. ތިނަދޫ އާއި ގދ. ކާޑެއްދޫ ބްރިޖަކުން ގުޅާލައި، ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ދެއްވި ޕްރެޒެންޓޭޝަންގައި ވިދާޅުވީ، ތިނަދޫ އާއި ކާޑެއްދޫއާ ދެމެދުގައި 3.7 ކިލޯމީޓަރުގެ ބްރިޖެއް އެޅުމުގެ ޓެކްނިކަލް ޕްރޮޕޯސަލް ހެދުމަށް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"ގދ. ކާޑެއްދޫގައި ފެންވަރު ރަނގަޅު އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައި ބްރިޖަކުން ތިނަދޫއާ ގުޅާލުން އެއީ އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައި އޮތް ކަމެއް" ރައީސް ވިދާޅުވިއެވެ.
ނޫސްވެރިޔަކު ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތާ ބެހޭ ގޮތުން ސުވާލު ކުރުމުން ރައީސް ވިދާޅުވީ، އެ މަސައްކަތުގެ އަޕްޑޭޓެއް މިވަގުތު ނެތް ކަމަށެވެ. އެހެންނަމަވެސް، ކާޑެއްދޫ އެއާޕޯޓް މުޅިން އާ އެއާޕޯޓެއްގެ ގޮތުގައި އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރައި، ބްރިޖަކުން ތިނަދޫއާ ގުޅުވާލުން އެއީ ރައީސްގެ އަސްލު ވައުދު ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން ކުރިން އިއުލާންކޮށްފައިވަނީ ތިނަދޫ ފަޅުން ބައެއް ހިއްކައިގެން އެއާޕޯޓެއް އެޅުމަށެވެ. މިދިޔަ އަހަރު ރައީސް މުއިއްޒު ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގައި ތައިލެންޑުގެ ޕޭން ޕެސިފިކް ކުންފުންޏާއެކު 600 މިލިއަން ޑޮލަރުގެ އެމްއޯޔޫއެއްގައި ސޮއިކުރެވުނެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކަމަށާއި، ތައިލެންޑު ކުންފުނީގެ ފަރާތުން ސޮއިކުރީ ސީއީއޯ ޒިރާޓް ޕެތުނުންތަވޮންގް ކަމަށް މައުލޫމާތު ލިބެއެވެ.
ކާޑެއްދޫ އެއާޕޯޓުގެ ތާރީޚަށް ބަލާއިރު، 2013 ވަނަ އަހަރު ވިލާ އެއާއާ 50 އަހަރު ދުވަހުގެ މުއްދަތަކަށް ހަވާލުކުރެވުނު ނަމަވެސް، 2017 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެއްބަސްވުން ބާޠިލުކޮށް އެއާޕޯޓް އަތުލެވުނެވެ. އެކަމަކު 2018 ގައި ސިވިލް ކޯޓުން، އަދި ފަހުން ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް، އެއާޕޯޓް ވިލާއަށް އަނބުރާ ދޭންޖެހޭ ކަމަށް ޙުކުމްކުރުމުން، 2022 މާރިޗު މަހު އެއާޕޯޓް ވިލާއާ އަލުން ހަވާލުކުރެވުނެވެ.
އެއާޕޯޓުގެ ފެންވަރު ދަށްވާ ކަމަށް ބުނެ، ވިލާ އެއާގެ އަތުން އެތަން އަތުލަން ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ ބައެއް މެންބަރުން މިދިޔަ ފެބުރުވަރީ މަހު ގޮވާލާފައިވެއެވެ. ވިލާ އެއާއިން 2022 ގައި އެއާޕޯޓު ހިންގުމާ ހަވާލުވުމަށްފަހު، ހަތް އަހަރު ދުވަހުގެ ތެރޭގައި އެތަން އިންޓަނޭޝަނަލް އެއާޕޯޓެއްގެ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ކޮމެންޓު ފޮނުވާ