މާލޭގައި މަސްތުގެ ހާލަތުގައި ނުރައްކާތެރިކޮށް ކާރު ދުއްވާފައިވާ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވިފައިވަނީ ހއމ. ފްލެޓް ނަންބަރު 07-1-4، މާލެ، މުހައްމަދު މާއިސް، 23 އަހަރު، އެވެ. މި މައްސަލައިގައި އޭނާ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ތިން ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި މިމަހުގެ 1 ވަނަ ދުވަހުގެ ރޭ ހައިވޭ ބެލެހެއްޓުމަށް ޑިއުޓީގައި ހުރި ފުލުހުންނަށް ހެޑްލައިޓް ދިއްލައިފައި ނުވާ، 4 ސިގްނަލް ޖައްސައިގެން ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވަމުން އައި ކާރެއް ފެނިފައިވެއެވެ. ފުލުހުންގެ އެންގުމަށް އެ ކާރު މަޑުނުކޮށް ދިޔުމާ ގުޅިގެން އެހެން ބީޓްތަކުގެ ސަމާލުކަމަށް މިކަން ގެނައުމަށްފަހު، ފުލުހުންގެ ޕެޓްރޯލް ބީޓްތަކުން އެ ކާރު ހޯދުމުގެ މަސައްކަތް ފެށިއެވެ.
އެ ކާރު ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ހުޅުމާލެ ފޭސް 1 ގައި ހައިވަކަރު މަގުން ޓްރީޓޮޕާ ދިމާއަށް އެ ކާރު ދަތުރުކުރާތަން ފުލުހުންނަށް ފެނިފައިވެއެވެ. ފުލުހުން ބުނި ގޮތުގައި ކާރު މަޑުކުރުމަށް އިޝާރާތް ކުރުމުން މަޑުނުކޮށް ބަމްޕަރުތަކަށާއި ގޯޅި އަޅާއިރުވެސް ދުވެލި މަޑުނުކޮށް ނުރައްކާތެރިކޮށް ދުއްވަމުން ގޮސްފައެވެ.
މި ކާރު އެންމެ ފަހުން މަޑުކޮށްފައިވަނީ ރަބަރުގަސްމަގު، ފްލެޓް ނަންބަރު 97 ކައިރީގައެވެ. ފުލުހުން އެ ކާރާ ގާތްވުމުން، އަލުން ކާރު ދުއްވާލަން އުޅެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނި ގޮތުގައި މި ކާރު ހުއްޓުވިއިރު ކާރުގެ ކަނާތް ފަރާތުގެ ފަހަތު ފުރޮޅުގެ ޓަޔަރު ކާރުގައި ނެތް ކަމަށެވެ. މި ޓަޔަރު ފެނިފައިވަނީ 103 ނަންބަރު ފްލެޓް ކައިރިން ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި ކާރަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެ ކާރު ޓޯ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ