ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ބޭނުންކުރެއްވުމަށް ގާނޫނުން ކަނޑައަޅާފައިވާ ރަށް ކަމުގައިވާ ކ. އާރަށަށް ވަޑައިގަންނަވަން މިހާތަނަށް ހަރަދުވެފައިވަނީ 844,635 ރުފިޔާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އެ ރަށަށް އާންމުކޮށް ވަޑައިގަންނަވަނީ މާލޭގައި ފުޓްސަލް ކުޅުއްވަން އުނދަގޫވާތީ އެކަން ކުރައްވަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ އަދަދާއި އެ ދަތުރުފުޅުތަކަށް މިހާތަނަށް ހަރަދުވެފައިވާ މިންވަރު ރައީސް ވަނީ ހާމަކުރައްވާފައެވެ. މި މައުލޫމާތުތައް ރައީސް ހާމަކުރެއްވީ ދައުލަތުގެ ހަރަދުގެ ބޮޑު ބައެއް އާރަށުގެ ދަތުރުފުޅުތަކަށް ރައީސް ބޭނުންކުރައްވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މިއަދުގެ ބައްދަލުވުމުގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެމްއެންޑީއެފްއިން އެއްކޮށްފައިވާ މައުލޫމާތުތަކާ ހަވާލާދެއްވައި ރައީސް ވިދާޅުވި ގޮތުގައި، ރައީސްކަމާ ހަވާލުވެވަޑައިގަތް ދުވަހުން ފެށިގެން މިއަދާ ހަމައަށް އާރަށަށް ވަޑައިގެންފައިވަނީ 116 ފަހަރެވެ. ގާތްގަނޑަކަށް ހަފްތާއަކު ތިން ފަހަރު އެ ރަށަށް ވަޑައިގަންނަވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
އާރަށަށް މިހާތަނަށް ވަޑައިގެންނެވި 116 ފަހަރުގެ ތެރެއިން 85 ފަހަރު ވަޑައިގަތީ ފުޓުބޯޅަ ކުޅެން ކަމަށާއި އާއިލާއާ އެކު ވަޑައިގަތީ 31 ފަހަރު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އާރަށަށް ދަތުރުކުރައްވާ 3 ލޯންޗުގެ ތެލުގެ ހަރަދަށް ހޭދަވެފައިވަނީ 844,635 ރުފިޔާކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގާނޫނަކުން ރައީސްއަށް ކަނޑައަޅާފައި އޮންނަ އެ ރަށަށް ވަޑައިގަންނަވަނީ އެހެން މީހަކަށް އުނދަގުލެއް ނުވެ، އެ ރަށުގައި ފަސޭހައިން ފުޓުބޯޅަ ކުޅުއްވޭނެތީ ކަމަށެވެ. މާލޭގައި ޓްރެފިކްގައި ޖެހިގެން ފުޓުބޯޅަ ކުޅުއްވަން ވަޑައިގަތުމަށް އުނދަގޫވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް ކުރާ ހިތްވާ ކަމެއް ފުޓުބޯޅަ ކުޅުމަކީ. ދެން ކުޑައިރު އެކަން ކުރަން އުޅެ ނުވެސް ވެފައި މިހުރީ ވެސް. ދެން ސިއްހަތު ރަނގަޅަށް ބެހެއްޓުމަށާއި ކަސްރަތު ކުރަން ބަލާއިރު ފުޓްސަލް ދަނޑެއް އާރަށުގައި އެބައޮވޭ ރަނގަޅު ފެންވަރުގައި ހަދާފައި ކުރީގައި. މާލޭގައި ހުރި ފުޓްސަލް ދަނޑުތަކަށް ދާންވެއްޖެއްޔާ ޓްރެފިކް ވަރަށް ތާށި ބޮޑު،" ރައީސް ވިދާޅުވިއެވެ.
މުލިއާގޭގެ ބަޖެޓުން ރައީސް ކުރައްވާ ހަރަދުތައް ބޮޑު ކަމަށް ބުނެ ވެސް ސޯޝަލް މީޑިއާގައި ބިލުތަކެއް ހިއްސާކޮށްފައިވާތީ އެ ކަމަށް ހިނގާ ހަރަދު ވެސް މިއަދު ރައީސް ހިއްސާކުރެއްވިއެވެ. މިދިޔަ އަހަރު މުލިއާގޭން ކެއިންބުއިމަށް ހަރަދުވެފައިވަނީ 565,703 ރުފިޔާ ކަމަށާއި މިއަހަރުގެ މިދިޔަ މަހުގެ ނިޔަލަށް ކެއިންބުއިމަށް ހަރަދުވެފައިވަނީ 175,564 ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ. އާރަށުގެ ކެއުން ވެސް ހަމަޖައްސަނީ މުލިއާގޭގެ ބަޖެޓުގެ ތެރެއިން ކަމަށް ވެސް ރައީސް މައުލޫމާތު ދެއްވިއެވެ.
ރައީސް ވިދާޅުވީ މުލިއާގޭގެ ކެއުމުގެ ހަރަދާއި އާރަށުގެ ދަތުރުތަކާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ އެ މަނިކުފާނާއި އެ މަނިކުފާނުގެ އާއިލާއާ ގުޅުވައިގެން ފަތުރަމުންދާ ދޮގު ވާހަކަތަކުގެ ތެރެއިން ވާހަކައެއް ކަމަށެވެ.
އާރަށުގެ ހަރަދުތައް ރައީސް މިއަދު ހާމަކުރެއްވި ނަމަވެސް، އެ ރަށަށް ރައީސްގެ އާއިލާއިން ވަޑައިގެންނެވި އަދަދާއި އެ ކަމަށް ދިޔަ ހަރަދު އަދި ދާ ބޭފުޅުންގެ މައުލޫމާތު ސާފުކުރަން މީގެ ކުރިން ބައެއް މީޑިއާތަކުން ހުށަހަޅާފައިވެއެވެ. ނަމަވެސް އެ މައުލޫމާތަކީ ރައީސްގެ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް ބުނެ އެ މައުލޫމާތު އޭރު ނުދެވުނެވެ.
ކޮމެންޓު ފޮނުވާ