ރައްޔިތުންނަށް އިންތިޚާބުކުރާ ފަރާތްތައް ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިބިދޭނެ ގޮތަށް ގާނޫނު އިސްލާހުކުރަނީ

ރައްޔިތުންނަށް އިންތިޚާބުކުރާ ފަރާތްތައް ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިބިދޭނެ ގޮތަށް ގާނޫނު އިސްލާހުކުރަނީ

Author
ހުސައިން
03 މެއި 2025 04:30
0

ކައުންސިލްތަކުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމަށްފަހު ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިބިދޭ ގޮތަށް ގާނޫނަށް މި އަހަރު އިސްލާހު ހުށައަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މިހާތަނަށް 43 ބިލެއް މަޖިލީހަށް ހުށައަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 31 ބިލު ފާސްކޮށްފައިވާ ކަމަށެވެ. މިއަހަރު އިތުރު 30 ބިލެއް މަޖިލީހަށް ހުށައަޅުއްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި އަހަރު ހުށައަޅުއްވާ އިސްލާހުތަކުގެ ތެރޭގައި އިންތިޚާބުކުރާ ފަރާތްތައް ރީކޯލްކުރެވޭނެ ގޮތަށް ބިލެއް ހުށައެޅުން ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ނަގައި ވޯޓުގައި އިންތިޚާބުކޮށްފައިވާ މީހެއްގެ އިތުބާރު ނެތްކަމަށް ފާސްވެއްޖެނަމަ، މަގާމުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ގާނޫނުތަކަށް ގެނައުމަށް ރައީސް ނިންމަވާފައިވާ މުހިންމު އިސްލާހުތަކުގެ ތެރޭގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާއި، ރިޔާސީ އިންތިޚާބު ދެވަނަ ބުރަކާ ނުލައި ބޭއްވޭނެ ގޮތަށް ބަދަލުކުރުން ހިމެނެއެވެ. އަދި ރިޔާސީ ދައުރު ފެށޭ ދުވަހަކީ ނޮވެންބަރު 11 ކަމަށް ކަނޑައެޅުމަށްވެސް ނިންމަވާފައިވެއެވެ.

ރައީސް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު 93 ގައި ހިފެހެއްޓުމަށާއި، އަތޮޅު ކައުންސިލްތައް އުވާލައި، ކޮންމެ ކައުންސިލެއްގެ ރައީސް ސީދާ ވޯޓުން ހޮވުމަށް އިސްލާހުތައް ހުށައަޅުއްވާނެ ކަމަށެވެ. ސިޔާސީ މަގާމުތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވޭ މިންވަރު ކަނޑައެޅުމާއި، ސިޔާސީ މަގާމުތަކުގެ އަދަދު މަޖިލީހުން ކަނޑައަޅާ ގޮތަށް ހެދުމަށްވެސް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކައުންސިލްތަކާ ގުޅޭ އިސްލާހުތަކުގެ ތެރޭގައި، 2000 މީހުންނަށްވުރެ މަދު އާބާދީއެއްގައި 3 ކައުންސިލަރުން، އަދި 2000 އަށްވުރެ އާބާދީ ގިނަނަމަ 5 ކައުންސިލަރުން ތިބޭ ގޮތަށް ކަނޑައެޅުން ހިމެނެއެވެ. އަތޮޅުތަކުގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް ހަމަ މި އުސޫލުން މެންބަރުން ކަނޑައެޅޭނެއެވެ.

ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަކުރެވޭ އިންސައްތަ 33 އިންސައްތައިން 40 އިންސައްތަ އަށް ބަދަލުކުރުމާއި، ބްލޮކް ގްރާންޓް ބޭނުންކުރުމާ ގުޅޭ ގާނޫނަށް އިސްލާހުތައް ގެނައުމަށްވެސް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ނޮވެންބަރު 1 އިން ފެށިގެން ޓީޖީއެސްޓީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދިނުމަށްވެސް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް 30 ބިލެއް ހުށައަޅުއްވާނެކަމަށް ރައީސް ވިދާޅުވެފައިވާއިރު، މިހާރުވެސް ސަރުކާރުން ވަނީ މުހިންމު ބިލުތަކެއް މަޖިލީހަށް ހުށައަޅުއްވާފައެވެ. އޭގެ ތެރޭގައި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހުގެނައުމަށް ހުށައަޅާފައިވާ 2 ބިލު ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.