މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަން ބަންދުކުރަން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި

މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަން ބަންދުކުރަން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި

Author
ހުސައިން
03 މެއި 2025 04:27
0

މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަން ދެނެގަނެ ބަންދުކުރުމަށް ހާއްސަ މަސައްކަތްތަކެއް ފުލުހުން ފަށައިފިއެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި، މުޖުތަމައު މަސްތުވާތަކެތީގެ ގެއްލުންތަކުން ރައްކާތެރިކުރުމަށް ފުޅާ ދާއިރާއެއްގައި ކުރަމުންދާ މަސައްކަތްތަކުގެ ބައެއް ކަމަށް ފުލުހުން ބުނެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިތުރު މަސައްކަތްތަކެއް ވެސް ކުރަމުންދާ ކަމަށެވެ. "މި މަސައްކަތްތަކަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ހުއްޓުވައި، މުޖުތަމައު މަސްތުވާތަކެތީގެ ގެއްލުންތަކުން ރައްކާތެރިކުރުމަށް ފުޅާ ދާއިރާއެއްގައި ކުރެވޭ މަސައްކަތުގެ ބައެއް. ފުލުހުން ދަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރަތްތަކަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ކުރަމުން" ފުލުހުން އެކްސްގައި ކުރި ޕޯސްޓުގައި ބުންޏެވެ.

މި ހާއްސަ މަސައްކަތްތައް ފެށިފައިވަނީ މާލެ އާއި އަތޮޅުތެރޭގައި މަސްތުގެ ހާލަތުގައި ތިބޭ މީހުންގެ ފޮޓޯ އާއި ވީޑިއޯ މީސްމީޑިއާގައި ފެތުރެމުންދާ މިންވަރު އިތުރުވަމުން ދާތީ އެކަމާ ގުޅިގެންނެވެ. މި ކަންބޮޑުވާ ހާލަތާ ގުޅިގެން ފުލުހުންނާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާކަން އެންޑީއޭއިން ވަނީ ބުނެފައެވެ.

އެންޑީއޭގެ މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އޮޕަރޭޝަންގެ ދަށުން މަސްތުވާތަކެތި ބޭނުންކުރާ މީހުން ހޯދައި، އެމީހުންނަށް ބޭނުންވާ ފަރުވާ ހޯދައިދިނުމަށް މަސައްކަތްކުރާނެއެވެ. މިއީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށާއި، މުޖުތަމައު މަސްތުވާތަކެތީގެ ވަބާގައިން ސަލާމަތްކުރުމަށް ކުރާ މުހިންމު މަސައްކަތެއް ކަމަށް އިދާރާތަކުން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.