ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމުގެ މަސައްކަތުގައި ބޭރު މާހިރުންގެ ލަފާ ލިބިއްޖެ: ރައީސް

ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމުގެ މަސައްކަތުގައި ބޭރު މާހިރުންގެ ލަފާ ލިބިއްޖެ: ރައީސް

Author
ހުސައިން
03 މެއި 2025 01:10
0

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދޫކޮށްލި ބައި އަނބުރާ ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ބޭރު މާހިރުންގެ ލަފާ ލިބިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ބޭރު މާހިރުން ދީފައިވާ ލަފާތައް މިހާރު ބަންޑާރަ ނައިބުގެ އޮފީހުން ދިރާސާކުރަމުންދާ ކަމަށާއި، ދިރާސާއަށްފަހު ނިންމާ ނިންމުން ކެބިނެޓަށް ހުށަހަޅާނެ ކަމަށެވެ.

މި މައްސަލައިގައި ލަސްވެފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު މޮރިޝިއަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ނަގަންޖެހޭ މުހިންމު ނުކުތާއެއް ނުނަގާ އޮތުމުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިނގިރޭސިވިލާތުން ޗާގޯސްއާ ގުޅިގެން ނިންމި ނިންމުމުން ކޮށްފާނެ އަސަރަކާ މެދު ވިސްނުމަށް ބޭރު މާހިރުންގެ ލަފާ ހޯދުމަކީ ވެސް މަސައްކަތް ލަސްވަމުންދާ ސަބަބެއް ކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ކަނޑުން ގެއްލުނު ސަރަހައްދު އަނބުރާ ހޯދުމަށް ކުޑަ ދުލެއް ވެސް ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ހުށަހެޅި މައްސަލައިގައި އިޓްލޮސްއިން ނިންމި ނިންމުމުން ރާއްޖޭގެ އީއީޒެޑްގެ ބޮޑު ބައެއް ގެއްލިފައިވާތީ، އެ ނިންމުން އިސްތިއުނާފު ކުރުމަށް ސަރުކާރުން ނިންމާފައިވެއެވެ.

ޗާގޯސް މައްސަލަ ކުރިއަށްގެންދަން ސަރުކާރުން އެކުލަވާލި ކޮމިޓީގައި އިސްކޮށް ހުންނެވީ ކުރީގެ ބަންޑާރަނައިބު މުހައްމަދު އަނިލެވެ. ޗާގޯސްއަކީ ރާއްޖެއާ ގުޅިފައި އޮތް ތަނަކަށްވާތީ އެތަން އެހެން ޤައުމަކަށް ލިބުމަށް ވުރެ ރާއްޖެއަށް ލިބުން އައުލާކަން ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ.

ފޯޅަވައްސަކީ ޗާގޯސް އައިލެންޑްސްގެ 7 އަތޮޅުގެ ތެރެއިން އަތޮޅެކެވެ. ޗާގޯސްއަކީ ރާއްޖޭގެ ދެކުނުން 560 ކިލޯމީޓަރު ދުރުގައި އޮންނަ ތަނަކަށް ވާއިރު، މޮރީޝަސްއާ ދެމެދު 2300 ކިލޯމީޓަރު ހުރެއެވެ. އިނގިރޭސިން 1965 ގައި ޗާގޯސްގެ ރަށްތަކަށް ވެރިވެގަތްއިރު ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ޤާއިމުކޮށް، 2036 ގެ ނިޔަލަށް ކުއްޔަށް ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.