ސިޔާސީ މަގާމުތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވޭ މިންވަރު ގާނޫނެއްގައި ބަޔާންކުރުމަށް ސަރުކާރުން ނިންމައިފިކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަހަރަކަށް ވުރެ ގިނަ ދުވަސްފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ، މި އަހަރު 30 ބިލެއް މަޖިލީހަށް ފޮނުވާނެ ކަމަށާއި، އޭގެ ތެރޭގައި ގާނޫނުއަސާސީއަށް ގެންނަން ނިންމި އިސްލާހުތަކެއް ހިމެނޭ ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ރިޔާސީ އާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށާއި، ޕްރިފަރެންޝަން ވޯޓިން ނިޒާމަށް ބަދަލުކޮށް ދެވަނަ ބުރު ނުބާއްވާ ގޮތަށް ހަމަޖެއްސުމާއި، ރިޔާސީ ދައުރު 11 ނޮވެންބަރުގައި ފެށޭ ގޮތަށް ކަނޑައެޅުމާއި، މަޖިލީހުގެ މެންބަރުންގެ އަދަދު 93ގައި ހިފެހެއްޓުމަށްވެސް ވަނީ ނިންމާފައެވެ.
އިންތިޚާބީ މަގާމުތަކުގައި ތިބޭ ފަރާތްތައް ދައުރު މެދުތެރެއިން ވެސް ވަކިކުރެވޭނެ 'ރިކޯލް ވޯޓް' ނިޒާމެއް ތައާރަފުކުރުމަށް ނިންމި ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި ނިޒާމުގެ ދަށުން މަޖިލިސް މެންބަރުންނާއި ކައުންސިލަރުން ހިމެނޭ އިންތިޚާބީ ހުރިހާ މަގާމެއްގައި ތިބޭ ފަރާތްތައް ވަކިކުރެވޭނެއެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަށް ވެސް ނިންމައިފި ކަމަށް ރައީސް ވިދާޅުވިއެވެ.
ސިޔާސީ މަގާމުތަކާ ގުޅޭ އިތުރު އިސްލާހުތަކެއް ވެސް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ސިޔާސީ މަގާމުތަކަށް ޚަރަދުކުރެވޭނީ އެންމެ ގިނަވެގެން ކިހާ މިންވަރެއްކަން ގާނޫނުގައި ބަޔާންކުރުމާއި، އައްޔަންކުރެވޭނެ ސިޔާސީ މަގާމުތަކުގެ އަދަދު މަޖިލީހުން ކަނޑައެޅުމާއި، ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ތަފުސީލު މަޖިލީހާ ހިއްސާކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރުން ހިމެނެއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި އިސްލާހުތަކަކީ ޗެކް އެންޑް ބެލެންސް ނިޒާމެއްގެ ތެރެއަށް ސިޔާސީ މަގާމުތައް އައްޔަންކުރުން ގެނައުމުގެ ގޮތުން ކުރެވޭ ކަންތައްތަކެވެ.
ސިޔާސީ މަގާމުތައް 700އަށް ވުރެ އިތުރު ނުކުރާނެ ކަމަށް ވައުދުވި ނަމަވެސް، މިހާރު އެ އަދަދު 2000އަށް ވުރެ އިތުރުވެފައިވާ ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރު މުސާރައަށް ކުރި ޚަރަދު ވަނީ 11 ޕަސެންޓް އިތުރުވެ، 1.58 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
ކޮމެންޓު ފޮނުވާ