މަޖިލީހުގެ މެންބަރުންގެ އަދަދު 93 ގައި ފްރީޒުކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރަނީ

މަޖިލީހުގެ މެންބަރުންގެ އަދަދު 93 ގައި ފްރީޒުކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރަނީ

Author
ހުސައިން
03 މެއި 2025 12:23
0

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 93 ގައި ހިފަހައްޓައި ފްރީޒުކުރުމަށް މި އަހަރު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގައި ހިމަނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުކޮށް މިހާރު ހުރި 93 ގައި ފްރީޒުކުރުމާ މެދު ގޮތެއް ނިންމުމަށް ފެންނަ ނުފެންނަ ވޯޓުގައި ހިމަނާނެކަމަށެވެ.

"މިހާރު އޮތް އަދަދަށް ފްރީޒް ކުރުމަށް ގެންނަން ޖެހޭ ބަދަލު ގެނައުން. އެއީ 93. އެހެން ނޫނިއްޔާ ވާގޮތަކީ އާބާދީ ބޮޑުވާ ވަރަކަށް އިތުރުވަމުން މިދަނީ. އެހެންވީމަ އަޅުގަނޑުމެން މި ނިންމީ އިތުރެއް ދެން ނުވާނޭ. އެ އަދަދަށް ފްރީޒް ކޮށްލަނީ،" ރައީސް ވިދާޅުވިއެވެ.

މިހާރު ގާނޫނުއަސާސީ ބުނާގޮތުން ކޮންމެ 5,000 ރައްޔިތަކަށް މަޖިލީހުގެ މެންބަރަކު ހުންނަންޖެހެއެވެ. އެހެންކަމުން އާބާދީ އިތުރުވާ ވަރަކަށް މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުން އަންނަތީ، ކޮންމެ ފަސް އަހަރަކުން މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދެއެވެ.

މެންބަރުންގެ އަދަދު އިތުރުވުމުން ދައުލަތުގެ މާލީ ބުރަ އިތުރުވާކަމުގެ ކަންބޮޑުވުންތައް އާންމުންނާއި ސިޔާސީ ފަރާތްތަކުން ފާޅުކުރަމުން އަންނަ ކަންކަން ފާހަގަކުރެވެއެވެ. މިކަމާ ގުޅިގެން ރައީސް މުއިއްޒު މިދިޔަ އަހަރުގެ މެދުތެރޭގައި ވަނީ މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އަދަދު މަދުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އިލެކްޝަން ކޮމިޝަނުން މަޖިލީހުގެ ކޮމިޓީތަކާ ހިއްސާކޮށްފައިވާ ހުށަހެޅުމުގައި، މެންބަރުންގެ އަދަދު އެއްވަރެއްގައި ހިފަހައްޓާއިރު ދާއިރާތައް ކަނޑައެޅުމުގައި ކޮންމެ އަތޮޅަކަށް ދެ ގޮނޑި ދިނުމަށްފަހު، އިތުރަށް ހުންނަ ގޮނޑިތައް އާބާދީގެ ނިސްބަތުން ބަހާލުމަށް ފާހަގަކޮށްފައިވެއެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު 77، 76 ނުވަތަ 65 އަށް ދަށްކުރުމަށް ކޮމިޓީގައި އެކި މެންބަރުންނާއި ޕާޓީތަކުން މަޝްވަރާކޮށްފައިވިނަމަވެސް، ރައީސް މުއިއްޒު މިވަނީ މިހާރު އޮތް 93 މެންބަރުންގެ އަދަދުގައި ފްރީޒުކުރުމަށް ނިންމަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.