މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި މާލޭގައި 1360 ފްލެޓް އަދި ހުޅުމާލެ އާއި ގުޅިފަޅުގައި 4600 ފްލެޓް އަޅަން ނިންމާފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ އަސާސީ ހައްގެއް ކަމަށާއި، މުޅި ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ހުރިހާ ސަރަހައްދެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ނިންމާފައިވާކަމަށެވެ.
މާލޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ސިނަމާލެ/މާލެހިޔާ ސަރަހައްދުގައި 4، 3 އަދި 2 ކޮޓަރި ހިމެނޭހެން ޖުމްލަ 1360 ފްލެޓް އިމާރާތްކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ސިނަމާލެ/މާލެހިޔާ ފްލެޓްތަކުގައި ތިބި މީހުންނަށް ހާއްސަކޮށް ފުރަތަމަ ދެ ޓަވަރެއް އަޅަނީ އެތަންތަން ބާވެފައި ހުރުމުންކަމަށާއި، އަދި އެތަނަށް މީހުން ބަދަލުވީމައި ކުރީގެ ބާ އިމާރާތް ތަޅާލާނެކަމަށް ރައީސް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި އިތުރު 4600 ފްލެޓް އިމާރާތްކުރަން ނިންމާފައިވާއިރު، އޭގެތެރެއިން އިންޑިއާގެ އެލްއޯސީގެ ތެރެއިން 4200 ޔުނިޓް އަޅަން ނިންމާފައިވާކަމަށާއި، ސައުދީ ފަންޑުގެ އެހީގެ ދަށުން 400 ޔުނިޓް އަޅަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ސައުދީ ފަންޑުގެ އެހީގައި އަޅާ ފްލެޓްތައް އަޅަނީ ހުޅުމާލެ ފޭސް 2 ގައި ކަމަށާއި، އިންޑިއާ އެހީގައި އަޅާ 4200 ފްލެޓް އަޅާނީ ހުޅުމާލެ ނުވަތަ ގުޅިފަޅުގައިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނީ ހަމައެކަނި މާލެ ސަރަހައްދުގައި ނޫންކަމަށާއި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް މި މަޝްރޫއުތައް ކުރިއަށްދާނެކަމަށެވެ. މިހާރުވެސް ބައެއް މަޝްރޫއުތައް ފެށުމަށް އިއުލާންކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ