ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް 121 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ރިޒާވަށް ބަލާއިރު މާޗް މަހާ ހަމައަށް ދަނީ "ރަނގަޅު ޓްރެންޑަކަށް" ކަމަށާއި، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެސްޑީއެފްގައި ހުރީ ދެ މިލިއަން ޑޮލަރު ކަމަށެވެ.
ބޭރުގެ ފައިސާ ދައްކަމުން، އެސްޑީއެފް ފަންޑަށް ފައިސާ ޖަމާކުރަމުން، ސަރުކާރުގެ ހަރަދުތައް ކުރަމުން މުޅި އިގްތިސާދުގެ ކަންކަން ރާވަމުން ގެންދަވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ސޮވެރިން ފަންޑަކީ ދައުލަތުގެ ދަރަނި އަދާކުރަން ދުރާލައި ތައްޔާރުވާން އުފައްދާފައިވާ ފަންޑެއްކަން އެނގެއެވެ.
ލޯނު އަނބުރާ ދެއްކުމަށް މި އަހަރުގެ މިހާތަނަށް ވަނީ 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި 100 މިލިއަން ޑޮލަރު ދައްކަންޖެހުނު ލޯނެއް ވެސް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ސަރުކާރުގެ އެބަހުރި އެކި މަހުންމަހަށް ވާސިލްވާންޖެހޭ އަމާޒުތަކެއް. މި އަހަރު ދަރަނި 9.4 ބިލިއަނަށް ކުޑަކުރަން ބޭނުންވާ ވާހަކަ ވެސް ބުނެފައި އޮންނާނީ. ބޭރުގެ ދަރަނި ވެސް ދައްކަން އެބަހުރި. މި ހުރިހާ ކަމެއް މެނޭޖްކުރުމަށް ޓަކައި މި އަހަރު މި ހިސާބަށް މި ވަރުގެ ޕްރައިމެރީ ބެލެންސްއެއް ބެހެއްޓުމަށް ޕްލޭންކޮށްފައިވަނީ," ރައީސް ވިދާޅުވިއެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ 24 އާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލައަކީ 12.4 ބިލިއަން ރުފިޔާކަމަށާއި، އެ މުއްދަތުގެ ތެރޭގައި ޖުމްލަ ހަރަދަކީ 10.5 ބިލިއަން ރުފިޔާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ބަޖެޓް އަރަނިވެފައިވަނީ 1.9 ބިލިއަން ރުފިޔާއިން ކަމަށާއި، ޕްރައިމެރީ ބެލެންސަކީ 3.5 ބިލިއަން ރުފިޔާކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން ހަރަދުތައް ބަލަހައްޓަމުންދަނީ ވަކި ތަރުތީބަކުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ