ބައެއް ދާއިރާތަކުގެ ވަޒީފާތައް 2027 ނިމޭއިރު ދިވެހީންނަށް ޚާއްސަކުރަނީ 

ބައެއް ދާއިރާތަކުގެ ވަޒީފާތައް 2027 ނިމޭއިރު ދިވެހީންނަށް ޚާއްސަކުރަނީ 

Author
ހުސައިން
03 މެއި 2025 11:43
0

ކުރިއަށް އޮތް އަހަރަށްފަހު ބައެއް ދާއިރާތަކުގެ ވަޒީފާތައް ހަމައެކަނި ދިވެހީންނަށް ޚާއްސަކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހީންނަށް ބައެއް ދާއިރާތައް ޚާއްސަކުރުމަށް ތިން އަހަރު ދުވަހުގެ މަޝްރޫއެއް މިދިޔަ އަހަރު އިއުލާންކޮށްފައިވާކަމަށެވެ.

"މާނައަކީ މިދިޔަ އަހަރުން ފެށިގެން، 2024، 25، 26، 2027 އަންނައިރު މި ލިސްޓުގައި މިހިރަ ދާއިރާތަކުގައި ބޭރު މީހުންނަކަށް ނޫޅެވޭނެ، ސިމްޕަލް އޭޒް ދެޓް" ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން 2027 ވަނަ އަހަރު ފެށޭއިރު އޮޑިދޯނިފަހަރު ބަނުން، މާވަޑިކަމުގެ ދާއިރާ، ހެއާ ޑްރެސިން އެންޑް ބިއުޓީޝަން، ރިސޯޓް މިއުޒީޝަނުންނާއި ބޭންޑް، ކަސްޓަމަރ ސަރވިސް، ހައުސްކީޕިން މެނޭޖަރ، ފްރަންޓް އޮފީސް މެނޭޖަރ، ހިއުމަން ރިސޯސަސް މެނޭޖަރ، ޑައިވިން އިންސްޓްރަކްޓަރުންނާއި ޓުއަރ ގައިޑުންގެ ވަޒީފާތައް ދިވެހީންނަށް ޚާއްސަވެގެންދާނެއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ދާއިރާތަކުގެ އިންވެސްޓަރުންނާއި ކުންފުނިތަކުން އިސްނަގައިގެން، ސަރުކާރުގެ ޕްރޮގްރާމްތަކުގެ ތެރެއިންނާއި އަމިއްލަ ގޮތުން ވެސް ދިވެހީން ތަމްރީނުކުރުމުގެ މަސައްކަތް 2026 ނިމޭއިރަށް ފުރިހަމަކުރަން ޖެހޭނެއެވެ.

"އެހެންވީމަ ދިވެހި ކިޔަވާ ކުދިން ވެސް އަދި އިންޑަސްޓްރީއަށް ނުކުންނަ ކުދިން ވެސް އެބަ ބަލަންޖެހޭ ކޮބައިތޯ މިއީ ވަރަށް ރަނގަޅު ފުރުސަތުތަކެކޭ" ރައީސް ވިދާޅުވިއެވެ.

މި ދާއިރާތަކުގެ ތެރެއިން ހެއާ ޑްރެސިން އެންޑް ބިއުޓީޝަން އަދި ރިސޯޓް މިއުޒިކްގެ ދާއިރާތަކަކީ މިހާރު ބިދޭސީން ގިނައިން ހަރަކާތްތެރިވާ ދާއިރާތަކެއްކަން ފާހަގަކުރެވެއެވެ. މިކަމުން ދިވެހީންނަށް ފުރުސަތު ގެއްލޭކަމުގެ ކަންބޮޑުވުން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ފާޅުކުރެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ފޮޓޯގްރަފީއާއި ފިހާރަތަކުގެ ކޭޝިއަރުންފަދަ ބައެއް ވަޒީފާތައް ދިވެހީންނަށް ޚާއްސަކުރުމަށް ނިންމަވާފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.