ކޮރެލް ބޮލެވާޑުގެ ބިމުގައި ގުރުއާނާ ބެހޭ ހާއްސަ ވަގުފު އިމާރާތެއް އެޅުމަށް ނިންމައިފި

ކޮރެލް ބޮލެވާޑުގެ ބިމުގައި ގުރުއާނާ ބެހޭ ހާއްސަ ވަގުފު އިމާރާތެއް އެޅުމަށް ނިންމައިފި

Author
ހުސައިން
03 މެއި 2025 11:33
0

ރަސްފަންނު ކުރިމަތީގައި މީހުން ދިރިއުޅޭ ޓަވަރުތަކެއް ހެދުމަށް ކޮރެލް ބޮލެވާޑަށް ދީފައިވާ ބިމުގައި، ކީރިތި ގުރުއާނާ ބެހޭ ހާއްސަ ވަގުފު އިމާރާތެއް އެޅުމަށް މިހާރު ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިސްލާމީ ކަންކަމަށް ހަރަދު ކުރުމަށް ފައިސާ ހޯދުމަށްޓަކައި ތިން ވަގުފު އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް އިމާރާތް އަޅާނީ ރަސްފަންނު ކުރިމަތީގައި އޮންނަ 70،000 އަކަފޫޓުގެ ބިމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ބިމުގެ 10،000 އަކަފޫޓުގައި ވަގުފު އިމާރާތް އެޅުމަށް މިހާރު ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން ހުޅުމާލޭގައި ދާރުއްސަލާމް އިސްލާމީ ކޮމްޕްލެކްސްގެ ނަމުގައި އަޅާ އިމާރާތާއި، މާލޭގައި އަޅާ ދާރުލްއަރްގަމް އިމާރާތްވެސް ވަގުފު އިމާރާތުގެ ގޮތުގައި އެޅުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މި ތަންތަނުގެ މަގްސަދަކީ ދައުލަތުގެ ބަޖެޓުން ހޭދަނުކޮށް، އިމާރާތުން ލިބޭ އާމްދަނީއިން އިސްލާމީ އެކި ކަންކަމަށް ހަރަދު ކުރުންކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި މިސްކިތްތައް އިމާރާތް ކުރުމާއި ދީނީ ހޭލުންތެރިކުރުވުމުގެ ކަންކަން ހިމެނޭނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ފެށި ކޮރެލް ބޮލެވާޑު މަޝްރޫއު މިހާތަނަށް ކުރިއަށް ގޮސްފައެއް ނުވެއެވެ. އެ މަޝްރޫއުގެ ދަށުން 28 ބުރީގެ ހަތަރު ޓަވަރު އެޅުމަށް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފައިވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ބިން އަތުލައި، ހުޅުމާލެއިން ބަދަލު ބިމެއް ދިނުމަށް މަސައްކަތް ކުރިއެވެ.

އެހެންނަމަވެސް، އެ ކުންފުންޏަށް ބަދަލު ބިމެއް ދީފައި ނުވާތީ، އެ ކުންފުނިން ވަނީ ބަދަލުގެ ގޮތުގައި 426 މިލިޔަން ޑޮލަރު ހޯދުމަށް ދައުލަތުގެ މައްޗަށް ދައުވާ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.