އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ޓޭންކަރުތައް ގެނައީ އަސްކަރިއްޔާ ވަރުގަދަކުރުމަށް ކަމަށާއި، ހަނގުރާމައެއް ކުރާކަށް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ ޤައުމެއްގެވެސް އަސްކަރިއްޔާ ވަރުގަދަކޮށް ޤާބިލުކަން އިތުރުކުރުމަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ޒިންމާއެއް ކަމަށެވެ.
"އަޅުގަނޑުމެންނަކީ ސުލްހަވެރި ޤައުމެއް. ފަޚުރުވެރި މިނިވަން ޤައުމެއްވީމަ ދިފާޢީ ބާރުގައި ޤާބިލުކަން ބާރުވެރިކަން ހުންނަންޖެހޭނެ. ގާތްގަނޑަކަށް 25 އަހަރުވީ އެ އުޅަނދުތަކަށް އަޅާނުލައި އޮންނަތާ. ޓޭންކަރުތައް ހޯދީ ހަނގުރާމައަށް ކުރާކަށް ނޫން. ކުރިން ހުރި އެއްޗެހި ނުވެސް ދުވަނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ޤައުމީ ދިފާޢީ ބާރުގެ ފަޔަރ އެންޑް ރެސްކިޔު ޚިދުމަތްވެސް އިތުރަށް ހަރުދަނާކުރަންޖެހޭކަމަށާއި، ކޯސްޓްގާޑުގެ ބާރު ދެގުނަކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ކޯސްޓްގާޑުގެ ގޮތުގައި ބޭނުންކުރާ ބައެއް އުޅަނދުތައް މިހާރު ހުރީ ބޭނުންނުކުރެވޭ ހާލަތުގައި ކަމަށާއި، އައު އުޅަނދުތައް ބިނާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"އެ ބޮޑު ސަރަހައްދު ހިމާޔަތްކޮށް ބަލަހައްޓަން މިޖެހެނީ އިންވެސްޓްކުރަން އަންނަ މީހާ އެބަ ބަލައި ސަރަހައްދުތައް ކިހާވަރަކަށްތޯ ހިމާޔަތްކުރެވެނީ. އެހެންވީމަ އިންވެސްޓަރުންގެ އިތުބާރާއި ޔަޤީންވެސް ލިބޭނީ އަޅުގަނޑުމެންގެ ސަރަހައްދު ރަނގަޅަށް ބެލެހެއްޓިގެން،" ރައީސް ވިދާޅުވިއެވެ.
ދިވެހި އަސްކަރިއްޔާ އިތުރަށް ބާރުވެރިކޮށް ދިވެހީން އަމިއްލައަށް ދިވެހީންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ރައީސްގެ ވައުދެއްކަމަށާއި، އެ ވައުދުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް "އެއަރ ކޯ" ތައާރަފުކުރެއްވިކަމަށް ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ