ވޭތުވެދިޔަ 20-25 އަހަރުގެ ތެރޭގައި ދިވެހި އަސްކަރިއްޔާ އޮތީ އެއްފަރާތްކޮށްފައިކަމަށާއި، އެ ދާއިރާ ވަރުގަދަކުރުމަށް އިންވެސްޓުމެންޓުތައް ކުރަނީ ކޮންމެހެން ކުރަންޖެހޭ އެހެންކަންތައް ހުއްޓާލާފައި ނޫންކަމަށް ރައީސް ޑރ.މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ގާތްގަނޑަކަށް ދޮޅު އަހަރަށްފަހު ރައީސް މިއަދު ނޫސްވެރިންނާ ބައްދަލުކުރެއްވި ބައްދަލުވުމުގައި، ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަނެއްގައި އަސްކަރީ ދާއިރާއިން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ.
"އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާ މުހިއްމު ކަމަކާ އެކީގައި ކުރަންޖެހޭ މުހިއްމު ކަމެއް ދިފާއީ ބާރު ވަރުގަދަކުރުމަކީ. އެއީ އަޅުގަނޑުމެންގެ ޒިންމާއެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރެއްގެ ޒިންމާއަކީ އެ ޤައުމެއްގެ ދިފާއީ ބާރު ވަރުގަދަކުރުންކަމަށާއި، ރާއްޖެއަކީ ސުލްހަވެރި ޤައުމަކަށްވީނަމަވެސް، ފަޚުރުވެރި މިނިވަން ޤައުމަކަށްވާތީ ދިފާއީ ބާރުގައި ވަރާއި ކެޕޭސިޓީ ހުންނަންޖެހޭކަމަށެވެ.
އެމްއެންޑީއެފަށް ޓޭންކަރުތަކެއް ހޯދީ ހަނގުރާމައެއް ކުރަންނޫން ކަމަށާއި، ކުރިން ހުރި ޓޭންކަރުތައް "ނުވެސް ދުވަނީ" ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަހަރާއި އަންނަ އަހަރަށް ބަހާލައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔުގެ ގާބިލުކަން އިތުރުކުރުމަށް އިންވެސްޓުކުރާނެކަމަށާއި، ކޯސްޓްގާޑުގެ ގާބިލުކަން ދެގުނަ އިތުރުކުރުމަށް ފަށާފައިވާ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
"ކޯސްޓްގާޑުގެ ކެޕޭސިޓީ އިތުރުކުރަނީ ވެސް އަޅުގަނޑުމެންގެ ޓެރިޓަރީ ބަލަހައްޓަން. އަޅުގަނޑުމެންގެ އީއީޒެޑް ވަރަށް ބޮޑު، އިރާދަކުރެއްވިއްޔާ، ވަރަށް މަދު ޤައުމެއްގައި މިހާބޮޑު އީއީޒެޑެއް އޮންނާނީ ވެސް،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ހާއްސަ އިޤްތިޞާދީ ސަރަޙައްދަށް ބޭރުގެ ފަރާތްތަކުން ވަގަށް ވަދެ މަސްބޭނުން ފަދަ ކަންތައް ކުރާކަމަށާއި، މި ސަރަޙައްދު ރަނގަޅަށް ބަލަހައްޓަންޖެހޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ޔޫއޭވީގެ އެހީގައި އެމްއެންޑީއެފަށް ޑްރޯން ގެނައީ ވެސް އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
"އަސްކަރީ ގާބިލުކަން އިތުރުކުރަނީ އަޅުގަނޑުމެންނަކީ ފަޚުރުވެރި މިނިވަން ޤައުމަކަށްވާތީ އަޅުގަނޑުމެންގެ މިނިވަންކަން ހިމާޔަތްކޮށް ދެމެހެއްޓުމަށް،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އަސްކަރިއްޔާއަށް މިފަހުން އާމްޑް ވެހިކަލްތަކެއް ގެނެސްފައިވާއިރު، ތުރުކީން މިފަހުން މިސައިލް ފޮނުވޭ މަނަވަރެއް ރާއްޖެއަށް ހަދިޔާކުރަން ނިންމިކަން ވެސް ހާމަވެފައިވެއެވެ.
ކޮމެންޓު ފޮނުވާ