ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން މިހާތަނަށް 214 މިލިއަން ޑޮލަރު ރާއްޖޭގެ ބޭންކްތަކަށް ޖަމާކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބޭރު ފައިސާ ބޭންކްތަކަށް ޖަމާކުރުމަށް ރައްޔިތުންގެ ފަރާތުން ރަނގަޅު އެއްބާރުލުމެއް ލިބެމުންދާކަމަށެވެ.
މިފަދަ އެއްބާރުލުން ލިބެމުން ދިއުމުން ކްރެޑިޓް ކާޑުގެ ލިމިޓް އިތުރުކުރުމުގެ އިތުރުން، ރާއްޖެއިން ބޭރަށް ފުރާ މުސާފިރުންނަށް މިހާރު ބޭންކު ރޭޓުގައި ދޫކުރާ 500 ޑޮލަރު އިތުރުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
"ވަރަށް ޔަގީންކަން އެބައޮތް. އަޅުގަނޑު ހަމަ ދެތިން ފަހަރަކު މިހާރު ވާނީ ޕަބްލިކްގައި މި ދެންނެވި ޓާގެޓްސްތައް އިއުލާނުކޮށްފަ އެކަންކަން ކުރާނެ ކަމަށް. އެކަން އިއުލާނުކޮށްފައިވާ ޑޭޓްތަކުގައި ކުރިއަށްދާނެ އިރާދަކުރެއްވިއްޔާ" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ޑޮލަރު ޖަމާކުރުމަށް އެކަށީގެންވާ އެއްބާރުލުން ލިބިއްޖެނަމަ، ރާއްޖެއިން ބޭރަށް ފުރާ ދިވެހި ރައްޔިތުންނަށް މިހާރު ބޭންކު ރޭޓުގައި ދޫކުރާ 500 ޑޮލަރު 1000 ޑޮލަރަށްވުރެ އިތުރުކުރެވޭނެއެވެ. މީގެ އިތުރުން ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނައަށް ބޮޑުކުރުމާއި، ޓެލެގްރާފިކް ޓްރާންސްފަރ (ޓީޓީ) ހެދުމަށް އިތުރަށް ފުރުސަތު ފުޅާވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ