މަސްވެރިންނަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި، 10 ވަރަކަށް މަސްދުވަހުގެ ތެރޭގައި އެކަން ހަގީގަތަކަށް ވެގެންދާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ހާމަކުރެއްވީ މިއަދު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެމަނިކުފާނު ވިދާޅުވީ، ރިޔާސީ ވައުދުފުޅާ އެއްގޮތަށް އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރިޔަށްދާކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މިވަގުތު ފަރުމާގެ ފުރަގަހުގައި ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށްދަނީ. ފިއުލް ސްކިޑްތައް ފެބްރިކޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަން އެމަނިކުފާނު ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކުން މި ހިދުމަތް ފެށޭނެކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަންނަ މާޗު މަހުގެ ނިޔަލަށް މުޅި ރާއްޖޭގައި މި ހިދުމަތް ފެށިގެންދިޔުންކަމަށެވެ.
ކޮމެންޓު ފޮނުވާ