ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާ މި ދުވަހު، އދ. ގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުން ފަލަސްޠީނުގެ ނޫސްވެރިން މަރާލެވޭ އަދަދު އިތުރުވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އދ. ގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޣައްޒާގައި 211 ނޫސްވެރިން މަރާލެވިފައިވާކަމަށެވެ. މީގެ ތެރޭގައި 28 އަންހެން ނޫސްވެރިން ހިމެނޭކަމަށް އެ އޮފީހުން ބުންޏެވެ.
ޔޫނެސްކޯގެ މަޢުލޫމާތުތައް ދައްކާގޮތުން، މަދުވެގެން 47 ނޫސްވެރިން ވަނީ ޑިއުޓީ އަދާކުރަމުން ދަނިކޮށް މަރާލެވިފައެވެ. އަދި އަންގާރަ ދުވަހުގެ ނިޔަލަށް 49 ފަލަސްޠީނު ނޫސްވެރިން ވަނީ އިސްރާއީލުގެ ބަންދުގައި ކަމަށް ފަލަސްޠީނު އޮތޯރިޓީޒް ބުންޏެވެ.
"ޕްރެސް ވެސްޓުތައް ރައްކާތެރިކަމުގެ ވަސީލަތެއްގެ ބަދަލުގައި ހަމަލާ ދިނުމުގެ ނިޝާނަކަށް ވެއްޖެ" ކަމަށް އދ. އާ ވާހަކަ ދެއްކި ނޫސްވެރިޔަކު ބުންޏެވެ. އދ. ގެ އޮފީހުން ބުނީ، އިސްރާއީލުގެ ސިފައިން ގަސްދުގައި ނޫސްވެރިންނަށް ހަމަލާދޭކަމުގެ "ވަރުގަދަ ހެކިތައް" ފެންނަން އެބަހުރި ކަމަށާއި، މިކަން ސާބިތުވެއްޖެނަމަ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން އެއީ ހަނގުރާމައިގެ ކުށަކަށް ވާނެ ކަމަށެވެ.
އިސްރާއީލުގެ ސިފައިން ހައްޔަރުކުރި ނޫސްވެރިން އދ. ގެ އިންސާނީ ހައްގުތަކާބެހޭ އޮފީހަށް ބުނެފައިވާގޮތުން، ނޫސްވެރިކަމުގެ މަސައްކަތާ ގުޅޭގޮތުން ސުވާލުކުރުމުގެ ތެރޭގައި އެމީހުންނަށް ބޮޑެތި އަނިޔާތަކާއި، ޖިންސީ އަދި ޖެންޑަރ އަނިޔާތައް ވަނީ ދީފައެވެ. އދ. ން ބުނީ، މިއީ "ފަލަސްޠީނުގެ ނޫސްވެރިންނަށް ބިރުދެއްކުމާއި އެމީހުންގެ ނަން ގެއްލުމަށް ކުރާ މަސައްކަތުގެ ބޮޑު ނަމޫނާއެއް" ކަމަށެވެ.