ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ބޭއްވުނު މުޒާހަރާ ފުލުހުން ރޫޅާލައިފި

ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ބޭއްވުނު މުޒާހަރާ ފުލުހުން ރޫޅާލައިފި

Author
ހުސައިން
02 މެއި 2025 07:54
0

ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރީގައި ރޭ ބޭއްވުނު މުޒާހަރާއެއް ފުލުހުން ވަނީ ރޫޅާލާފައެވެ. މިއީ މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނާ ރަޝީދަށް އިންސާފު ހޯދައިދިނުމަށް ބޭއްވުނު މުޒާހަރާއެކެވެ.

މުޒާހަރާގައި ބައިވެރިވި ޒުވާނުން ވަކިހިސާބަކުން ޓީޓީ ޓޭބަލް ބަހައްޓައިގެން ޓީޓީ ކުޅެ އަދި ކެރަމް ކުޅެފައިވެއެވެ. އަދި ވަކި ހިސާބަކުން ބާރަށް ލަވަޖަހަމުން ދިޔަކަމަށް ވެސް ފާހަގަކުރެވުނެވެ.

ފުލުހުން މުޒާހަރާ ރޫޅާލުމުގެ ކުރިން އެތަނުގައި މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރު ދިންއިރު، މުޒާހަރާ ރޫޅާލުމުގައި ޕެޕަރ ސްޕްރޭ ވެސް ބޭނުންކޮށްފައި ވެއެވެ. މީގެ އިތުރުން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.

ހައްވާ ޔުމްނާ ރަޝީދު ފެނުނީ ފާއިތުވި ހުކުރު ދުވަހު މާލޭގެ ހެންވޭރު ހިސާބުގައި ހުންނަ ގުދަނެއްގެ ފުރާޅެއްގެ މަތިންނެވެ. މި މައްސަލައިގެ އަޞްލު ހަގީގަތަކީ ކޮބައިކަމާމެދު ގިނަ ޒުވާނުން ސުވާލު އުފައްދަމުން ގޮސްފައިވަނީ، މި ހާދިސާއާ ގުޅިގެން ސޯޝަލްމީޑިއާގައި ތަފާތު ވާހަކަތައް ދެކެވެމުން ދިޔުމުންނެވެ.

ޔުމްނާއާ އެކު އެރޭ ހޭދަކުރި ބަޔަކާ ބެހޭ ގޮތުން ފުލުހުން މަޢުލޫމާތު ހާމަކުރަން ފަސްޖެހުމާއި، މި ހާދިސާއާ ގުޅިގެން އެކަށީގެންވާ ތަޙުޤީޤެއް ކުރަމުން ނުދާކަމުގެ ޝަކުވާ ޔުމްނާގެ ޢާއިލާއިން ކޮށްފައިވެއެވެ. އަދި މި ހާދިސާ ހިނގިތާ ފަސް ދުވަހަށްފަހު ފުލުހުން ފޮރެންސިކް ޓީމެއް ޙާދިސާ ހިނގި ތަނަށް ފޮނުވިކަމަށް ވެސް ބުނެވެއެވެ.

މިފަދަ ހިތާމަވެރި ހާދިސާއަކާ ގުޅިގެން، ހާއްސަކޮށް ފުލުހުން އިތުރު މަޢުލޫމާތު ދިނުމަށްފަހުވެސް، ގިނަ ޒުވާނުން ދަނީ މި މައްސަލައިގައި އިންސާފު ހޯދައިދިނުމަށް މުޒާހަރާކުރަމުންނެވެ. ޔުމްނާގެ ކޮއްކޮ މުޒާހަރާގައި ދެއްކި ވާހަކައިގައި ވިދާޅުވީ ފުލުހުން މި މައްސަލައިގައި މުއްސަނދިންގެ ދަރިންނަށް ރައްކާތެރިކަން ދެމުންދާކަމަށެވެ.

މި މުޒާހަރާތައް ކުރިއަށްދަނީ ފުލުހުން މި މައްސަލަ ބެލުމުގައި އެކަށީގެންވާ ތަޙްޤީޤެއް ކުރަމުން ނުދާކަމަށް ބުނެވެވެ. ޒުވާނުން މި މައްސަލައިގައި ބުނަނީ ހަމައެކަނި ފަގީރުންނަށް ޤާނޫނު ތަންފީޒުކުރަމުންދާ ކަމަށެވެ.

ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރީގައި ކުރިއަށްދިޔަ މުޒާހަރާގައި ބައިވެރިން އެދެނީ މި މައްސަލައިގައި ހަމަހަމަކަމާއެކު ތަޙްޤީޤު ކުރުމާއި މި ކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކަށް އެކަށީގެންވާ އަދަބު ދިނުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.