ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ބޭއްވި މުޒާހަރާ ރޫޅާނީ އާންމު މަސްލަހަތަށްޓަކާ ގާނޫނީ އިންޒާރު ދިނުމަށްފަހު: ފުލުހުން

ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ބޭއްވި މުޒާހަރާ ރޫޅާނީ އާންމު މަސްލަހަތަށްޓަކާ ގާނޫނީ އިންޒާރު ދިނުމަށްފަހު: ފުލުހުން

Author
ހުސައިން
02 މެއި 2025 07:45
0

މާލެ (2 މެއި 2025) – މާލޭގެ އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން ހިންގަމުންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ރޭ ބޭއްވުނު މުޒާހަރާއަށް ފުލުހުން ބާރުގެ ބޭނުންކޮށްގެން ނިމުމެއް ގެނެސްފިއެވެ. އަދި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މިއަދަކީ ޖީސީއީ އޯލެވެލް އިމްތިހާނުގެ ޓެސްޓަށް ގިނަ ދަރިވަރުން ހާޒިރުވާން ޖެހޭ ދުވަހަކަށް ވުމާއެކު، ދަރިވަރުންގެ ތައުލީމީ މަސްލަހަތާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިޢާޔަތްކޮށް އެއްވުން ރޫޅާލާފައިވަނީ ތަކުރާރުކޮށް ނަސޭހަތްތެރިވެ، ގާނޫނީ އިންޒާރު ދިނުމަށް ފަހުގައެވެ.

ރޭގެ މުޒާހަރާގައި ބައިވެރިން ވަނީ ގިޓާ ފަދަ ތަކެތި ބޭނުންކޮށްގެން ލައިވް މިއުޒިކް ކުޅެ، ކެރަމް އަދި ޓޭބަލް ޓެނިސް ފަދަ ކުޅިވަރުތައް މަގުމަތީގައި ކުޅެ އާންމު ދަތުރުފަތުރަށް ހުރަސްއަޅާ ގޮތަށް އަމަލުކޮށްފައެވެ. ފާއިތުވި ދުވަސްތަކުގައި މާލޭގެ މައި މަގު ކަމަށްވާ މަޖީދީމަގު ބަންދުވާގޮތަށް ހިންގަމުން ގެންދިޔަ އިހުތިޖާޖުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި އާންމު ވިޔަފާރިތަކަށް ނޭދެވޭ އަސަރުތައް ކުރާކަމުގެ ޝަކުވާތައް ފުލުހުންނަށް ލިބެމުންދިޔަކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހަރަކާތްތަކަކީ މާލޭގައި އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ 21 އަހަރުގެ ޒުވާން އަންހެނެއް ކަމަށްވާ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ކަމަށް ބުނެ ޒުވާނުން ހިންގަމުންދާ އިހުތިޖާޖީ ހަރަކާތްތަކެކެވެ. މި މައްސަލައާ ގުޅިގެން ގިނަ ޒުވާނުން ވަނީ އިންޖީއެމްއެޗްގެ ކުރިމަތީގައި އަދި ފުލުސް ހެޑްކުއާޓަރސް ސަރަހައްދުގައި އެއްވުންތައް ބާއްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނޭގޮތަށް ގިނަ ފަރާތްތަކަކުން ވަނީ ފުލުހުން މި މައްސަލަ ތަހުގީގުކުރާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ޒުވާނުންގެ ހަރަކާތްތަކުގެ ތެރެއިން އެދެނީ މި މައްސަލަ މިނިވަން އަދި އިންސާފުވެރި ގޮތެއްގައި ތަހުގީގުކޮށްދިނުމަށެވެ.

ފުލުހުން މި މައްސަލައާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ، ޔުމްނު ރަޝީދު ވެއްޓުނު ރޭ އޭނާ ހުރީ މަސްތުވާތަކެތީގެ ތަޙުލީލުތަކުން ދައްކާގޮތުން މަސްތުވެފައި ކަމަށާއި، އެހެން މީހަކު އޭނާ ވެއްޓުމަށް މަގުފަހިކުރި ކަމުގެ ހެކި ލިބިފައިނުވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.