150,000 ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް މަޢުލޫމާތު އެއްކުރެވުމަކީ ސަރުކާރުގެ ކާމިޔާބީގެ އާ ބޮޅެއް: ރައީސް

150,000 ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް މަޢުލޫމާތު އެއްކުރެވުމަކީ ސަރުކާރުގެ ކާމިޔާބީގެ އާ ބޮޅެއް: ރައީސް

Author
ހުސައިން
01 މެއި 2025 02:02
0

މިއަދަކީ ސަރުކާރަށް ކާމިޔާބީގެ އާބޮޅެއް އިތުރުވި ދުވަހެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރެވޭ މަސައްކަތްތެރީންގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅުވައިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ދައުލަތުގެ އެންމެ އިސްވެރިޔާގެ މި ޕޯސްޓުގައި، މޭ މަހުގެ 2 ވަނަ ދުވަހު ފެށުނު ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ވަނީ ބޮޑު ކާމިޔާބީއަކާއެކު ކުރިއަށް ގޮސްފައެވެ. މިގޮތުން 150،000 ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި، ސަރުކާރުގެ ޑޭޓާބޭސް އަދާހަމަކުރެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވަނީ މި ބުރަ މަސައްކަތުގައި ޝާމިލްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި ރާއްޖޭގައި މަސައްކަތްތެރިންގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރާ ބިދޭސީންގެ ހާލަތާމެދު ވިސްނާލަން ޖެހޭކަން ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒުގެ ބަސްފުޅުގައި، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން މަސައްކަތްކުރުވުމުގެ ސަބަބުން ގިނަ ބިދޭސީންގެ އަސާސީ އިންސާނީ ޙައްޤުތައް ވަނީ ނިގުޅައިގަނެވިފައެވެ. މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަކީ މި ސަރުކާރުގެ އެއް އަމާޒުކަމަށާއި، އެކަމަށް ކުރެވޭ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު މަސައްކަތަކީ ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީވެސް ކާކުކަން ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަސައްކަތަކީ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ދެކެއެވެ. ރައީސް މުޢިއްޒުގެ މި ނިންމެވުމާއެކު، ބިދޭސީންނާގުޅޭ މައްސަލަތަކަށް ހައްލެއް ލިބި، އެފަރާތްތަކުގެ އިންސާނީ ޙައްޤުތައް ރައްކާތެރިކުރެވޭނެކަމަށް އުއްމީދުކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.