ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ފަރާތުން ދިން މަޢުލޫމާތަށް ބަލާއިރު، ހުޅުމާލެ ސްޕެޝިއަލް އެންފޯސްމަންޓް ޓީމާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަން ހިންގާފައިވަނީ 2025 އޭޕްރީލް 30 ވަނަ ދުވަހުގެ ހަވީރު 6:52 ހާއިރުއެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު ދެ މީހުންނަކީ ހުވަނދުމާ ހިނގުމުގައި ސައިކަލެއްގައި ދުއްވާފައި ދަނިކޮށް ހުއްޓުވި ހމ. ފްލެޓް ނަންބަރު 04-ޖީ-10 / މާލެ، އަލީ ޢަބްދުالله (48އ) އާއި، އުނިމާގެ / ދ. ކުޑަހުވަދޫ، އަމާނަތު ޖަލީލް (28އ) އެވެ.
ހައްޔަރުކުރުމަށްފަހު ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގައި އެ ދެ މީހުން ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 8 ޕެކެޓާއި މަނާ ބޭސް ކަމަށް ޝައްކުކުރެވޭ 23 ގުޅަ ފެނިފައިވެއެވެ. މީގެ އިތުރުން، ދެ މީހުންގެ އަތުންނާއި އެޕާޓްމަންޓުން ޖުމްލަ 40،515 ދިވެހި ރުފިޔާ އާއި 136 އެމެރިކާ ޑޮލަރު ވެސް ފެނިފައިވެއެވެ.
ފުލުހުންގެ ބުނުއްވާ ގޮތުގައި މި ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތުހުމަތު ކުރެވޭތީ، އެ ފައިސާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ އިތުރަށް ކުރިއަށް ގެންދަމުންނެވެ.