ޖަމްޢިއްޔަތުއްސަލަފުގެ ދުޢާތުންގެ މަޖްލީސް އިފްތިތާޙުކުރުމުގެ ހަފްލާ މާދަމާ ހެނދުނު އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވުމަށް ނިންމައިފިއެވެ. މި ހަފްލާގައި ފަންސާހަކަށް ދީނީ އިލްމުވެރިން ބައިވެރިވެ ވަޑައިގަންނަވާނެކަމަށް ޖަމްޢިއްޔާއިން މަޢުލޫމާތު ދެއްވައިފިއެވެ.
ޖަމްޢިއްޔަތުއްސަލަފުން އިތުރަށް ހާމަކުރެއްވި ގޮތުގައި، އިފްތިތާޙީ ހަފްލާ ނިމުމަށްފަހު މާދަމާ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު "ސަލަފުގެ އިލްމުވެރިންގެ އަހަރީ ބައްދަލުވުން 1446-2025″ މަސައްކަތު ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
މި މަސައްކަތު ބައްދަލުވުމުގައި ކަމާގުޅޭ ތަޖުރިބާކާރުން ދަރުސްދިނުމުގެ ތަފާތު ހުނަރުތަކާއި ފަންނީ ހުނަރުތަކާބެހޭ ޚާއްޞަ ސެޝަންތަކެއް ނަންގަވައިދެއްވާނެއެވެ. އޭގެތެރޭގައި ދިވެހިބަހުގެ ގަވާއިދާއި، ތަޤުރީރުކުރުމުގެ ހުނަރުތައް އަދި އިމޯޝަނަލް އިންޓެލިޖެންސްއާ ބެހޭ ސެޝަންތައް ހިމެނެއެވެ.
މީގެއިތުރުން، ތަފާތު އިލްމުވެރިން ދަރުސްދެއްވާ ގޮތާބެހޭގޮތުން އެބޭފުޅުންގެ އަމިއްލަ ތަޖުރިބާއާއި ދިވެހިރާއްޖޭގެ ދީނީ ހޭލުންތެރިކަމުގެ ތާރީޚާބެހޭ ޕެނަލް ޑިސްކަޝަންއެއްވެސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ދަޢުވަތުގެ މައިދާނުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާ ގުޅޭގޮތުން މަސައްކަތު ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި މަޝްވަރާކުރުންވެސް ކުރިޔަށްދާނެކަމަށް ޖަމްޢިއްޔާއިން ބުނެފައިވެއެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން، ޖަމްޢިއްޔަތުއްސަލަފުގެ ދުޢާތުންގެ މަޖްލީހުގައި މިވަގުތު 63 އިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ