ދުންފަތުގެ އިސްތިއުމާލު ކުރާ ތަންތަން ޤާނޫނާ އެއްގޮތަށް ހިންގަމުން ގެންދޭތޯ ބެލުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޚާއްޞަ އިންސްޕެކްޝަން ޕްރޮގްރާމެއް ފަށައިފިއެވެ. މި އިންސްޕެކްޝަންތައް ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި ހެލްތު މިނިސްޓްރީއާ ގުޅިގެންކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއްވިއެވެ.
ރާއްޖޭގައި ދުންފަތް ކޮންޓްރޯލު ކުރުމަށް އެކުލަވާލެވިފައިވާ ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ފަށާފައިވާ މި ޕްރޮގްރާމުގެ ދަށުން ފިހާރަތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި އަދި ލައުންޖުތައް ބަލައި ފާސްކުރެވެމުންދާ ކަމަށް އެޗްޕީއޭއިން ހާމަކުރެއްވިއެވެ.
އިންސްޕެކްޝަންތަކުގައި ބަލަނީ ދުންފަތުގެ އެކި ބާވަތްތަކުގައި ރަނގަޅަށް ލޭބަލް ކުރެވިފައިވޭތޯއާއި، ސިނގިރޭޓު ވިއްކުމާއި، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށްގެން ވިއްކުމުގައި ދުންފަތް ކޮންޓްރޯލު ކުރުމުގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރެވޭތޯއެވެ. އަދި ހަމައެއާއެކު، މީހުންނަށް ފެންނަގޮތަށް ދުންފަތުގެ ބާވަތްތައް ބަހައްޓާފައިވޭތޯއާއި ވޭޕް ބޭނުންކުރުމާއި ވިއްކުމާ ގުޅޭ ކަންކަންވެސް ބަލަމުންދާކަމަށް އެފަރާތުން މަޢުލޫމާތު ދެއްވިއެވެ.
އިތުރަށް، އެއަރކޮންޑިޝަން ކުރެވިފައިވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާކަމަށްވާނަމަ އެފަދަ ތަންތަން ފާހަގަކޮށް އެކަމާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
ދުންފަތް ކޮންޓްރޯލު ކުރުމަށް ހެދިފައިވާ ޤާނޫނާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކަށާއި، ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
ރާއްޖޭގައި ދުންފަތް ކޮންޓްރޯލު ކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެތެރޭގައި 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ފަރާތްތަކަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރާ "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމަށް ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ