ޔުމުނު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރެވުނު ރައުދުގެ ބަންދު 10 ދުވަހަށް އިތުރުކޮށްފި

ޔުމުނު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރެވުނު ރައުދުގެ ބަންދު 10 ދުވަހަށް އިތުރުކޮށްފި

Author
ހުސައިން
01 މެއި 2025 12:11
0

މިމަހުގެ 18 ވަނަ ދުވަހު ހ.މިޓާޒު ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު 21 އަހަރުގެ ހައްވާ ޔުމުނުގެ މައްސަލައިގައި ހައްޔަރުކުރެވުނު ގ.އެރިޔަދޫ، 21 އަހަރުގެ ރައުދު އަޙްމަދު ޛިލާލް އިތުރު 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ރައުދު ހައްޔަރުކުރެވުނީ މިދިޔަ ބުރާސްފަތި ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭރު 5 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވެއެވެ. މިމުއްދަތު މިއަދު ހަމަވުމާ ގުޅިގެން، ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން، އިތުރު 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.

ޔުމުނު ވެއްޓުނު ކަމަށް ބެލެވޭ އިމާރާތުގައި އޭނާއާއެކު ރައުދު އުޅޭ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖްތައް ފުލުހުން ވަނީ އާންމުކޮށްފައެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ރައުދުއާއި ޔުމުނު އެރޭ އިތުރު ދެ ގެއަކަށް ގޮސްފައިވާ ކަމަށާއި، އެދެމީހުންނާއެކު އިތުރު ބަޔަކުވެސް އެރޭ އުޅެފައިވެއެވެ. މިއެންމެންގެ ބަޔާންނަގައި، އެމީހުންނަށް ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ވަނީ ޕާސްޕޯޓް ހިފަހައްޓާފައެވެ.

މިމައްސަލައިގައި ޔުމުނު ހިމެނޭގޮތަށް 7 މީހެއްގެ ފޯނުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓާފައެވެ. އަދި މިމައްސަލައާ ގުޅިގެން ޔުމުނު އެރޭ ހަރަކާތްތެރިވިކަމަށް ބެލެވޭ މއ. މާންދޫގެ ދެކުނުގޭގެ ޓެރަސްއާއި އެގޭގެ ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާ އަދި ގ. ކަށިވެލިގޭގެ ތިންވަނަ ފަންގިފިލާ ބަލައި ފާސްކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިހާދިސާގައި ވެއްޓުނު ޔުމުނުއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު، އިތުރުފަރުވާއަށް މިހާރުވަނީ މެލޭޝިޔާއަށް ގެންގޮސްފައެވެ. މިހާދިސާ ތަޙުޤީޤުކުރުމަށް، ޚާއްސަ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އުފައްދަވާފައެވެ. އަދި މިމައްސަލަ ތަޙުޤީޤުކުރުމުގައި ފުލުހުންގެ އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިހުމާލެއް ނުވަތަ އިޖުރާއަތްތަކާ ޚިލާފު ޢަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްވެސް ވަނީ އަންގަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.