ހުޅުމާލޭގެ ސްކޫލަކުން ގްރޭޑް އެކެއްގެ ދަރިވަރަކު ސްކޫލް ގަޑީގައި އެކަނިމައެކަނި ނުކުމެގެން ދިޔަ މައްސަލައެއް ފެންމަތިވެ، އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށއިފައެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، މި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައީ މިއަދު ހަވީރު 3:11ގައެވެ. މި ހާދިސާ ހިނގާފައިވަނީ ދަރިވަރުން ނުކުމެގެން ނުދާންޖެހޭ، ޓީޗަރުން ބޭނުންކުރާ ގޭޓަކުންނެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި ފުލުހުންގެ އެހީތެރިކަމާއެކު ކުރެވުނު މަސައްކަތުން އެ ކުއްޖާ ފެނިފައިވަނީ އޭގެ ވިއްސަކަށް މިނެޓް ފަހުން 3:31ހާއިރުއެވެ. އަދި އެ ދަރިވަރަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޝަފީއު އިތުރަށް ވިދާޅުވެފައިވަނީ މިފަދަ ހާދިސާއެއް ހިނގާފައިވާކަން އާންމުކޮށް ހާމަކުރެއްވީ ދެ ބޭނުމެއްގައިކަމަށެވެ. އޭގެ ތެރޭގައި މިފަދަ ކަންކަން ހިނގުމުން އެކަން ނުފޮރުވާ ބާއްވައި، ނިޒާމު ހަރުދަނާ ކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ބޭނުންތެރިކަން ފާހަގަކުރުން ހިމެނެއެވެ.
ދެވަނަ ކަމަކީ، ކުއްޖާ ނުކުތީ ތަޅުލެވިފައި ހުންނަންޖެހޭ ނުވަތަ ފާރަވެރިއަކު ހުންނަންޖެހޭ ގޭޓަކުން ކަމަށްވުމާއެކު، މިފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް ފިޔަވަޅު އެޅުމަށްޓަކައި ކަމަށްވެސް މިނިސްޓަރު ބަޔާންކުރެއްވިއެވެ. މިކަމުގައި އިހުމާލުވީ ކޮން ފަރާތަކުންކަން މިހާތަނަށް މިނިސްޓްރީން ވަނީ ހާމަކޮށްފައިނުވެއެވެ.
ކޮމެންޓު ފޮނުވާ