ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނުން މާލޭގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅޭގޮތުން ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މިއަދުގެ މެންދުރު 1:00 ގައި ބޭއްވުމަށް ހަމަޖެހިޖެއެވެ. މި ކޮމިޝަންގެ އޮފީސް ވަނީ ރާއްޖޭގައި ސައޫދީ އެމްބަސީ ކުރިން ހިންގަމުން އައި އިމާރާތުގައި ޤާއިމުކޮށްފައެވެ.
މި މަހުގެ 18 ވަނަ ދުވަހު ގ. ރަނައުރާގޭ ހައްވާ ޔުމްނު ރަޝީދު ހ. ފެންޓޯނިއާ އިމާރާތުން ހ. މިޓާޒްގޭގެ ފުރާޅަށް ވެއްޓުނު މައްސަލަ ތަހުޤީޤުކުރުމަށް ރައީސް މުއިއްޒު ހާއްސަ ކޮމިޝަން އުފައްދަވާފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ލިބިދޭ ބާރުގެ ދަށުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭގައެވެ.
ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ރައީސްކަން ކުރައްވާ މި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވަނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު، ޑރ. މޫސާ މުރާދު، ޖަބީން މުހައްމަދު އަދި އާމިނަތު އީނާސްއެވެ.
ރައީސް މުއިއްޒު ނެރުއްވި ގަރާރުގައިވާ ގޮތުން މި ކޮމިޝަންގެ މަޤްޞަދަކީ 21 އަހަރުގެ ޒުވާނާ ފުރާޅުން ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ތަހުޤީޤުކޮށް، އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކު ހަޤީޤަތް ހޯދުމެވެ. އަދި މީގެ އިތުރުން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ހަވާލުކޮށްފައެވެ.
ރައީސްގެ ގަރާރުގައި މި ކޮމިޝަނަށް ވަނީ ފުޅާ ބާރުތަކެއް ދެއްވާފައެވެ. އޭގެތެރޭގައި ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ އެހީތެރިކަން ހޯދުމާއި، ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުމާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ބާރުތައް ބޭނުންކުރުމާއި، ހައްޔަރު އަމުރާއި ޖިނާއީ ތަހުޤީޤުތަކާ ގުޅޭ ކޯޓު އަމުރުތަކަށް އެދުމާއި، މައްސަލައާ ގުޅޭ ފަރާތްތައް ހާޒިރުކޮށް ސުވާލުކުރުމާއި، ބޭނުންވާ ލިޔެކިޔުންތަކާއި ހެކިތައް ހޯދުމުގެ ބާރު ހިމެނެއެވެ.
ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ބެލުމަށް ހާއްސަ ކޮމިޝަނެއް އުފެއްދެވީ ފުލުހުންގެ ތަހުޤީޤާމެދު އާންމުންގެ މެދުގައި ސުވާލު އުފެދި، އިތުބާރު ގެއްލިފައިވާ ދަނޑިވަޅެއްގައެވެ. ޔުމްނު ވެއްޓުމުން ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް ފުރަތަމަ ގެންދިޔައީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށެވެ. އަދި އިތުރު ފަރުވާއަށްޓަކައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ މެލޭޝިއާއަށް ފުރުވާލާފައެވެ.
ކޮމެންޓު ފޮނުވާ